ޖިންސީ އަނިޔާކުރުމާއި ގެވެށިއަނިޔާގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާކަމީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ނުހަނު ކަންބޮޑުވެ، ހިތާމަކުރާ ކަމެއް ކަމަށާއި، މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީ ބޯޓެއްގައި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ކުށުގެ ވެށިން ހައްޔަރުކުރިކަމަށް ބުނެވޭ ދެ ފިރިހެނުން ފުލުހުން ގެންދިޔުމަށްފަހު ދޫކޮށްލުން އެއީ މިބާވަތުގެ ކުށުގެ އަމަލުތައް ތަކުރާރުކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެމް.އާރް.އެމް އިން ވިދާޅުވެއްޖެއެވެ.
އަދި މި ބާވަތުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހެންމީހުންގެ ފުރައްސާރަ އާއި ބިރުދެއްކުމާ ކުރިމަތިލާންޖެހި، ނަފްސާނީ ގޮތުން އިތުރު އަނިޔާލިބުމަށް ވެސް މަގުފަހި ވެގެންދާ ކަމަށާއި، މިއީވެސް މިހާރު ޢާންމުވަމުންދާ ކަމެއް ކަމަށްވެސް އެޕާޓިން ވިދާޅުވިއެވެ. އެހެންކަމުން، މިބާވަތުގެ ލާއިންސާނީ އަދި ނާތަހުޒީބީ އަމަލުތަށް ދިވެހި މުޖުތަމަޢުން ނައްތާލުމަށް ކުރެވެންއޮތް ހުރިހާކަމެއް ކުރުމަށް ޖިނާޢީ އަދުލުގެ ނިޒާމު ދަމަހައްޓަން ހަވާލުކުރެވިފައިވާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށްވެސް އެމް.އާރް.އެމް އިން ވިދާޅުވި އެވެ.
އަނިޔާގެ ކަންކަމުގެ ފަރުވާއަކަށް ވާނީ، އަނިޔާ ލިބޭ ފަރާތަކަށް އިންސާފާއި ރައްކާތެރިކަން ކަށަވަރުވުމެވެ. ވީމާ، އިންސާފު ހޯދައިދިނުމަށްޓަކައި، ޤާނޫނު ތަންފީޒުކުރުމަށް މަތިކޮށްފައިވާ އިދާރާތަކުން ވަކި ފަރާތަކަށް ބުރަނުވެ، ހަމައާއި އިންސާފުން މައްސަލަތައް ތަހުޤީގުކޮށް، ކުށްވެރިންނަށް ޙައްގު އަދަބު ދިނުމަށާއި، ބެލެންއޮތް އެންމެ ފުރިހަމައަށް އަދި އަވަހަށް މައްސަލަބަލައި އަދުލުވެރިކަމާއެކު ތަހުގީގުކުރުމަކީ، ކުށުގެ ތުހުމަތު ކުރެވޭ ފަރާތަކީ އެކުއް ނުކުރާ މީހަކުނަމަ އެމީހަކަށް އިންސާފު ހޯދައިދިނުމަށްވެސް އޮތް އެންމެ ރަނގަޅު މަގުކަމުގައި އެމް.އާރް.އެމް އިން ވިދާޅުވިއެވެ.
ސަފާރީ ބޯޓުގައި ހިނގިކަމަށް ތުހުމަތު އުފުލިފައިވާ އަންހެނަކު ރޭޕް ކުރި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި މީހާއަށް އިންސާފު ހޯދައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއީ ވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ތަހުގީގު ކުރުމަށް އިލްތިމާސް ކުރާ ކަމަށާއި. އަދި މި ލާއިންސާނީ އަމަލު ހިންގިކަމަށް ބެލެވޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް، އަނިޔާ ލިބުނު މީހާގެ ހައްގު ހޯދައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އެމް.އާރް.އެމް އިން ގޮވާލާފައި ވެއެވެ.




