ކޮނޑޭ ކޯޓަށް ކަޅުތެޔޮ ޖަހާފައި

ކޮނޑޭން ކަރަންޓު ކެނޑިފައި، ކޯޓަށް ކަޅުތެޔޮ ޖަހައިފި

ގއ. ކޮނޑޭގައި ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި ވަނިކޮށް، އެރަށުގެ ކޯޓަށް ކަޅު ތެޔޮ ޖަހައިފިއެވެ.

މިއަދު މެންދުރު 12:00 ހާއިރުން ފެށިގެން މުޅި ރަށުން ކަރަންޓް ގޮސްފައިވާ އިރު، ގެތަކަށް ކަރަންޓް ދީފައިވަނީ ހަވީރު ހައެއް ޖެހިފަހުންނެވެ.

ލޯޑު ބޮޑުވެ ކަރަންޓު ނުހިފެހެއްޓޭނެތީވެ އެރަށޫގެ ގެތަކަށް އެކަނި ކަރަންޓް ދިން ނަމަވެސް، އެރަށުގެ އެއްވެސް ސަރުކާރު މުއައްސަސާއެއްގެ އިތުރުން މަގުމަތީގެ ހޮޅި ބައްތިތަކަށް ކަރަންޓް ދީފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި، ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ކަޅުތެޔޮ ޖަހާފައި ވަނީ ކޯޓުގައި ކަރަންޓް ނެތް ގަޑީގައި، މިރޭ ނުވައެއް ޖަހާ ކަންހާއިރުއެވެ. ކަރަންޓު ނެތް ވަގުތަކާވެސް ދިމާވުމާ އެކު ކޯޓަށް ކަޅުތެޔޮ ޖެހީ ކޮންބައެއްކަން އެނގިފައި ނުވާއިރު، ކޯޓު ސާފު ކުރަމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮނޑޭ ކޯޓަށް ކަޅުތެޔޮ ޖެހިއިރު، ކޮނޑޭއަށް ދިމާވެފައިވާ ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ގޮވާލައި ބައެއް ރައްޔިތުން މިއަދު ފެނަކް ކޮނޑޭ ބްރާންޗު ކައިރިއަށް އެއްވި އެއްވުމުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް ހިނގާފައިވެއެވެ.

މި ރަމަޟާން މަހަކީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، ކަރަންޓު ކެނޑުމުގެ މައްސަލަ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ބޮޑު އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ