އެމްއެމްޕީއާރުސީގެ މައްސަލާގައި މާލޭ ސަރަޙައްދުން 4 ތަނެއް ބަލައި ފާސްކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ މައްސަލާގައި މާލޭ ސަރަޙައްދުން 4 ތަނެއް ބަލައި ފާސްކުރާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އޭސީސީ، ޕީސީސީއާރު އަދި މީރާ ގުޅިގެން މާލެ އާއި ހުޅުމާލެގެ 4 ތަނެއްބަލައި ފާސްކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ދާކަމަށެވެ.

އަދި މިއޮޕަރޭޝަންގެ މަޢުލޫމާތު އޭސީސީއިން ހާމަކުރައްވާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުން ފެނުނު އެންމެ ބޮޑު ޚިޔާނާތެވެ. އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފައެވެ.

މިމައްސަލާގެ ފައިސާ ލިބުނުކަމުގެ ތުޙުމަތުގައި ފަސް ފުލުހެއްވަނީ ދާދިފަހުން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ފުލުހުން ވިދާޅުވީ، އެ ފަސް ފުލުހުންގެ ޖިނާއީ އަދި އިދާރީ ތަޙްޤީޤެއް ހިނގަމުންގެންދާ ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަނުން މިހާތަނަށް އެކަމާ ގުޅޭގޮތުން އެއްވެސް ރިޕޯޓެއް ނެރެފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސް އަށް މިހާރު ވަނީ ފޮނުވާފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ފަސް އަހަރަށް ޖަލަށްލާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ތަޙްޤީޤު އިތުރަށް ވަރުގަދަކޮށް ތަޚްޤީޤު ހިންގުމުގައި އިތުރު ވަސީލަތްތައް ބޭނުންކުރުމަށް ނިންމާފައިވާ ކަމުގައި ދާދިފަހުން ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ