އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވި ބަޔަކު ވަޅަކަށް އުކާލި މައްސަލައިގައި މާފަށް އެދިއްޖެ

އިންޑިއާގެ ދެކުނުގެ ސުޓޭޓެއްކަމަށްވާ ކަރްނާޓަކާގައި ކޮވިޑް-19 ޖެހިގެން މަރުވި ބަޔަކު ވަޅަކަށް އުކާލި މައްސަލައިގައި އެ ސުޓޭޓުގެ އޮފިޝަލުން މާފަށް އެދިއްޖެއެވެ.

މިމައްސަލައިގައި އޮފިޝަލުން މާފަށް އެދިފައިވަނީ ޕީޕީއީ ލައިގެންތިބި ބަޔަކު ކަޅު ޑަސްބިން ކޮތަޅަށް ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންލައި ބޮޑު ވަޅުގަނޑަކަށް އުކާލާ މަންޒރުގެ ވީޑިއޯ މީސްމީޑިއާގައި އާންމުވެ ގިނަބަޔެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށެވެ.

ކަރްނާޓަކާގެ އޮފިޝަލުންވަނީ އާންމުވެފައިވާ ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްކަން މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި މި އަމަލާއި ގުޅިގެން މަރުވި ފަރާތްތަކުގެ އާއިލާތަކުގެ ކިބައިން އޮފިޝަލުންވަނީ މާފަށް އެދިފައެވެ. މައުލޫމާތު ލިބޭގޮތުގައި އަށްމީހެއްގެ ހަށިގަނޑުވަނީ އެގޮތަށް އެއްވަޅުގަނޑެއްގައި ވަޅުލައިފައެވެ.

ކޮވިޑް-19 ޖެހިގެން ކަރްނާޓަކާއިން 246 މީހުން މަރުވެފައި ވެއެވެ. ނަމަވެސް މި ސުޓޭޓު ފާހަގަ ކުރެވިގެން ގޮސްފައިވަނީ މިބަލި ފެތުރުން އެންމެ ކާމިޔާބު ކަމާއެކު ކޮންޓުރޯލް ކުރި ސުޓޭޓުގެ ގޮތުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި އަންނަނީ މިފަދަ ތާފާތު އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިނގަމުންނެވެ. މިގޮތުން މިބަލި ޖެހޭ މީހުންނަށް ފަރުވާކުރުމަށް ބަޔެއް ފަރާތްތަކުން ދެކޮޅުހަދާއިރު މިބަލީގައި މަރުވާ ފަރާތްތައް ވަޅުލުމަށްވެސް ބަޔެއް ސަރަހައްދުތަކުގައި އަންނަނީ ހުރަސް އަޅަމުންނެވެ.

އިންޑިއާ މިވަގުތު އޮތީ ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވުވާ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނައިގައެވެ. އިންޑިއާއިން މިހާތަނަށް މިބައްޔަށް 604,133 މީހުންވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި އިންޑިއާއިން 17,827 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ