ކޮވިޑް-19 އާއި ގުޅިގެން އުފައްދައިފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިހާތަނަށް އެމަގާމުގައި ހުންނަވާ ކުރެއްވި ފުރިހަމަ މަސައްކަތްޕުޅުތައް ފާހަގަކޮށް އެ މަސައްކަތްޕުޅުތަކަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހާއްސަ ޝުކުރެއް ދަންނަވައިފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެންއީއޯސީގެ މަސައްކަތް ނިމުމަކަށް އައިސް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ މަސައްކަތް މިހާރު ފެށިފައިވާއިރު އެންއީއޯސީގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ފުރަތަމަ ހަމަޖެއްސިއިރު ގިނަބަޔަކަށް މަބްރޫކަކީ ކާކުކަން ނޭންގޭ ކަމަށެވެ. ނަމަވެސް، މިއަދު މަބުރޫކުގެ ޕުރެސް ކޮންފަރެންސެއް ނެއްކަމުގައިވަނީނަމަ ރައްޔިތުންނަށްވެސް ފަޅުކަން އިހުސާސްވާ ކަމަށެވެ. އަދި ކުޑަކުއްޖަކަސ،ް އުމުރުން ދުވަސްވީ މީހަކަސް، ބަލިމީހަކަސް، ޒުވާނަކަސް، އަދި އެހެންމީހަކަސް މަބްރޫކުގެ މައުލޫމާތަކީ އެންމެ ފުރިހަމަ މައުލޫމާތުގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.
"ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ދެބަސް ނުވެވޭނެ ފަދައިން މަބްރޫކް ވެގެން މިދަނީ ރާއްޖޭގެ ނޫސްވެރިކަމުގައި ނުވަތަ މައުލޫމާތު ފޯރުކޮށްދިނުމުގައި ތާރީހުގެ ތެރެއަށް، ޖެހިޖެހިގެން މިހާގިނަ ޕުރެސްކޮންފަރެންސުތައް ބޭއްވި ދެވަނަ ދިވެއްސެއް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައެއް ނުވާނެ އަދި ރާއްޖޭގެ ނޫސްވެރިންނަށް މެދުކެނޑުމެއްނެތި މިކަހަލަ ނުރައްކާތެރި ހާލަތެއްގައި މައުލޫމާތު ފޯރުކޮށްދިން މީހަކާވެސް އަޅުގަނޑުމެންނާ ބައްދަލުވެފައެއް ނެއް" މިނިސްޓަރ ވިދާޅުވިއެވެ.
މިހެންކަމުން މަބުރޫކުގެ ހިދުމަތް އެތައް ގޮތަކުން އަޅުގަނޑުމެން ފާހަގަކުރަން ޖެހޭކަމަށާއި މިގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގައާއި ރައްޔިތުން ހޭލުންތެރި ކުރުވުމުގައި މަބުރޫކު ދެއްކެވި ކެތްތެރިކަމާއި، ހާމަކަމާ، ފޮރުވުމެއްނެތި މައުލޫމާތު ހާމަކުރުމުގައި މަބުރޫކު ދެއްކެވި ނަމޫނާއަކީ ކުރިއަށް އޮތްތަނުގައި މިކަމުގައި މަސައްކަތްކުރާ ހުރިހާ އެންމެންވެސް ހިފަހައްޓަންޖެހޭ ނަމޫނާއެއް ކަމަށްވެސް މިނިސްޓަރވަނީ ފާހަގަ ކުރައްވައިފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން އެކިކަންކަމުގައި ބުރަކޮށް ގެއްލި މަސައްކަތުގެ ތެރޭގައި ދާއިރު އަޅުގަނޑުމެން ހާސްކަމެއްނެތިދާ އެއްކަމެއް އޮވޭ، އެއީ މަބްރޫކުގެ މައުލޫމާތު ފޯރުކޮށްދިނުން، އެދުވަހެއްގައި ހިނގާ ކަންކަން ރައްޔިތުން އެދޭމިންވަރަށް ފޯރުކޮށްދެވޭނެ ކަމާއިމެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނޯވޭ، އެހެންޔާ ނޫސްކޮންފަރެންސްތަކަކީ ވަރަށް ހާސްކަމުގައި އޮންނަ ވަގުތުތަކެއް، ސުވާލުތަކަށް ޖަވާބު ނުދެވިދާނެތީ، އެންމެ ރަނގަޅު މައުލޫމާތު ނުދެވިދާނެތީ، ނަމަވެސް މިމަސައްކަތުގައި މަބުރޫކަކީ ހަގީގަތުގައިވެސް ނަމޫނާއެއް" ކަމަށެވެ.
އެންއީއޯސީގެ ތަރުޖަމާނެއްގެ ގޮތުން މަބުރޫކް އެންމެ ފުރަތަމަ ރައްޔިތުންނާއި ބައްދަލުކުރައްވައިފައިވަނީ މާރޗްމަހުގެ ހަތްވަނަ ދުވަހެވެ. އެންއީއޯސީގެ ފަރާތުން ޖުމްލަ 160 ނޫސްކޮންފަރެންސް ބާއްވައިފައިވާއިރު އޭގެތެރެއިން 111 ނޫސްކޮންފަރެންސްގައި މަބުރޫކްވަނީ ބައިވެރިވެ ކޮވިޑް-19 އާއި ގުޅޭ ގޮތުން ރާއްޖޭގެ އެންމެފަހުގެ މައުލޫމާތުތައް ފޯރުކޮށްދީފައެވެ.
ގިނަބަޔަކު މަބުރޫކް ބަލައި ގަންނަނީ ނޫސްވެރިންގެ ސުވާލުތަކަށް ސާދާ ފަސޭހައިން ދޭހަވާފަދަ ޖަވާބުދެއްވާ، ހިތްހެޔޮ، އެންމެނާވެސްގުޅޭ ބޭފުޅެއްގެ ގޮތުގައެވެ. އަދި ދައްކަވާ ވާހަކަފުޅާ އަމަލުފުތައް ދިމާވާ ހަރުދަނާ ސަހުސިއްޔަތެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ހަތަރުމަހެއްހާ ދުވަހުގެ ތެރޭގައި މަބުރޫކްވަނީ ރާއްޖޭގެ އެންމެ ރައްޔިތުންގެ ހިތްތަކުން ޖާގަހޯދައިފައިކަމަށް ދެއްނެވުމީ ދޮގަކަށް ނުވާނެކަން ކަށަވަރެވެ.



