ޕާކިސްތާނުގެ އިރުއުތުރު ޕަންޖާބު ޕުރޮވިންސުގައި ރޭލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 21 މީހުން މަރުވެއްޖެއެވެ.
މި އެކުސިޑެންޓު ހިނގައިފައިވަނީ ސިކުންގެ ދީނީ އަޅުކަމެއް އަދާކުރުމަށްފަހު ޕެޝާވަރަށް ދަތުރުކުރަމުންދިޔަ ވޭނެއްގައި ކަރާޗީ-ލާހޫރު އެކްސްޕުރެސް ރޭލެއް ޖެހިގެނެވެ.
މިހާދިސާގައި މަރުވެފައިވަނީ ވޭނުގައި ދަތުރުކުރި މީހުންގެ ތެރެއިން 21 މީހެކެވެ. އަދި މިމީހުންގެ ތެރޭގައި ގިނައީ އެއްއާއިލާއަކަށް ނިސްބަތްވާ މީހުންކަމަށް ޕާކިސްތާނުގެ ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާގައި 21 މީހުން މަރުވުމުގެ އިތުރުން 10 މީހަކަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި އެންމެންނަކީވެސް ވޭނުގައި ދަތުރުކުރި މީހުން ކަމަށާއި ރޭލުގައި ހުރި އެކަކަށްވެސް މި އެކްސިޑެންޓުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
ޕާކިސްތާނުގައި ދަތުރުކުރާ ރޭލުތަކުގައި ދޭތެރެދޭތެރެއިން މިފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެންބަރުމަހު ކަރާޗީ-ރާވަލްޕިންޑީ ރޭލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައިވެސް 70 މީހުން މަރުވެފައި ވެއެވެ. މިދިޔައަހަރު އެކަނިވެސް ޕާކިސްތާނުގައި ރޭލުގެ 100 އަށްވުރެ ގިނަ އެކްސިޑެންޓުތައް ހިނގައިފައި ވެއެވެ.




