ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުންފުނި ކަމަށްވާ ރިޒް ކުންފުނިން ބ. އަތޮޅު ބޮޑު ފިނޮޅުގައި ތަރައްޤީ ކުރަމުންދާ ރިޒޯޓުގެ މަސައްކަތައް، އެކުންފުންޏަށް ވާނީ ފައިސާ ދީފައިވާ ކަމަށް ބޮޑު ފިނޮޅުގެ ޑިވޮލޮޕަރ ސީލް މޯލްޑިވްސް ކުންފުނިން ބުނެފި އެވެ.
ސީލް ކުންފުނީގެ ވަކީލުން ބުނެފައިވަނީ، ބޮޑު ފިނޮޅުގެ ރިޒޯޓު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން މެންބަރު ރިޒާ ކުންފުނި، ރިޒް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްފައިވަނީ މަސައްކަތުގެ ތެރެއިން ވަރަށް ކުޑަ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ފުރިހަމަކުރުމުން ދައްކަން ޖެހެނީ 12 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް ސީލް ކުންފުނިން ރިޒް ކުންފުންޏަށް 21 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސީލް ކުންފުނީގެ ވަކީލުން ވަނީ ބުނެފައެވެ.
މީގެ ދެ ދުވަސްކުރިން ބޮޑު ފިނޮޅުގައި ތިބި ރިޒާ ކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ވަނީ، މުސާރަ ނުދޭކަމަށް ބުނެ ހަމަނުޖެހުން ހިންގާ ދިވެހި މުވައްޒަފުންތަކެއް ރަހީނުކޮށްފައެވެ.
ބިދޭސީން ހަމަނުޖެހުން ހިންގާފައިވަނީ، ހަތަރު މަސް ދުވަހުގެ މުސާރަ ނުލިބޭތީ ކަމަށް ބުނެއެވެ. ރަހީނުކޮށްފައި ތިބި ދިވެހިން މިހާރު ވަނީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ބަންގްލަދޭޝް މުވައްޒަފުންތަކެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާއި ގުޅިގެން މެންބަރު ރިޒާ ބުނީ، މުސާރަ ނުދެވި ލަސްވީ ރަށުގެ ޑިވޮލޮޕާގެ ފަރާތުން ލިބެންޖެހޭ ފައިސާ ނުލިބިގެން ކަމަށެވެ. ނަމަވެސް ރިޒާގެ މި ވާހަކަތަކާއި ގުޅުވައިގެން ސީލް މޯލްޑިވްސްގެ ކުންފުނީގެ ވަކީލުން ބުނެފައިވަނީ، ރިޒާގެ ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށެވެ. އަދި ފައިސާ ދީފައިވާނީ ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ކަމަށްވެސް ވަކީލުން ބުނެފައިވެއެވެ.
މީގެ އިތުރުން، މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލައިގެ ޒިންމާ ރިޒް ކުންފުނިން ނަގަން ޖެހޭނެކަމުގައިވެސް ސީލް މޯލްޑިވްސްގެ ވަކީލުން ބުނެފައިވެއެވެ. އަދި ސީޅް ކުންފުނީގެ ވަކީލުން ބުނެފައިވާ ގޮތުގައި ރިޒް ކުންފުނީގެ މުވައްޒިފުންގެ ގޮތުގައި ބޮޑު ފިނޮޅުގައި ތިބި ބިދޭސީ މުވައްޒިފުންގެ އަތުގައި ވޯކް ވިސާވެސް ނެތެވެ. އެ ކުންފުނިން މިހާތަނަށް ބެލި ބެލުމުގައި، މުވައްޒިފުންގެ އިންޝުއަރެންސް ކަންތައްވެސް ރިޒް ކުންފުނިން ފުރިހަމަ ކޮށްފައިނުވާ ކަމަށް ސީލް ކުންފުނިން ބުނެފައިވެއެވެ.



