ބޮޑު ފިނޮޅުން ހައްޔަރު ކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ދިވެހިންތަކެއް ރަހީނު ކުރި މައްސަލާގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ބ. ބޮޑު ފިނޮޅުން ފުލުހުން ހައްޔަރު ކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ބޮޑު ފިނޮޅުން ހައްޔަރު ކުރި މީހުން ރޭ ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އިމިގްރޭޝަން އާއި ހަވާލުކޮށްފައި ވާކަމަށެވެ. މި މީހުން ފުލުހުންގެ ބަންދުން ދޫކޮށް އިމިގްރޭޝަންއާއި ހަވާލު ކުރި ކަމުގައި ވީނަމަވެސް މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ބޮޑު ފިނޮޅުން ބިދޭސީން ހައްޔަރު ކޮށްފައިވަނީ މުސާރަ ނުދީ އެތައްމަސްތަކެއް ވަންދެން އެމީހުން ލައްވާ މަސައްކަތް ކުރުމާއި ގުޅިގެން އެ ރަށުގައި މަސައްކަތް ކުރަމުން އައި 13 ދިވެއްސަކު ރަހީނު ކުރި މައްސަލައާއި ގުޅިގެންނެވެ. ދިވެހިން ރަހީނު ކުރި މައްސަލައާއި ގުޅިގެން އެރަށަށް ދިޔަ ފުލުހުންނަށްވެސް ބިދޭސީން ވަނީ ހަމަލާ ދީފައެވެ.

މި މައްސަލާގައި ފުލުހުން ވަނީ އެރަށުން 19 ބިދޭސީއަކު ހައްޔަރު ކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް ފުރަތަމަ ކޯޓުން ވަނީ 15 ދުވަސް ދީފައެވެ. މި މުއްދަތު ހަމަވުމުން ކޯޓުން ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރު ކޮށްދީފައެވެ.

މި މައްސަލާގައި ފުލުހުން ކުރި ތަޙްޤީޤު ތަކުން އެރަށުގައި ޤަވާއިދާއި ޚިލާފަށް ގެންގުޅޭ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މި ކަންތައްތަކާއި ގުޅިގެން ރިޒް ކުންފުންޏަށް ފުލުހުން ވަނީ ބޮޑެތި ތުހުމަތު ތަކެއްވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ