ނިއު ނޯމަލް ނުވަތަ އައު އާންމު ހާލަތުގައިވެސް އިމިޤްރޭޝަންގެ ބައެއް ޙިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.
އެގޮތުން ޕާސްޕޯޓު ހެދުމާއި ބިދޭސީންނާއި ގުޅޭ ބައެއް ޙިދުމަތްތައް އޮންލައިންކޮށް ދިނުމަށް އިމިޤްރޭޝަނުން ވަނީ ނިންމާފައެވެ. ވޯކް ވިޒާ އާއި މޮނިޓަރިން ޑިވިޝަންގެ މަސައްކަތާއި ވޯކް ވިޒާ ވިޔަވައި އެހެނިހެން ވިޒާތައްވެސް ހެއްދުމުގެ ހިދުމަތް ދޭނީ އޮންލައިން ކޮށެވެ.
ޕާސްޕޯޓު ކާޑު ހެއްދުމަށާއި ޕާސްޕޯޓު ހެއްދުމަށް އެދި ހުށައަޅަން ޖެހޭ ފޯމް އީމެއިލް މެދުވެރިކޮށް ޖެހޭނީ އިމިޤްރޭޝަންއަށް ފޮނުވާށެވެ. ޕާސްޕޯޓު ކާޑު ހެއްދުމަށް އެޕޮއިންޓްމަންޓު ދޫކުރާނީ އެޕްލިކޭޝަން ލިބޭ ތަރުތީބުން ކަމަށް އިމިޤރޭޝަން އިން ވަނީ ހާމަކޮށްފައެވެ.
ޕާސްޕޯޓު ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް ކުރިޔަށް ގެންދެވޭނީ ކުރެވޭނީ އިމިޤްރޭޝަން އިން ފޮނުވާ ލިންކެއް މެދުވެރިކޮށް ޕާސްޕޯޓަށް ފައިސާ ދެއްކުމުން ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެދުވަހެއްގެ ހެނދުނު 10:00 ގެ ކުރިން ހުށައަޅާ އެޕްލިކޭޝަންތައް ލިބޭ ތަރުތީބުން 80 ޕާސްޕޯޓު އެދުވަހު މެންދުރުފަހު 13:00 ގެ ފަހުން ދޫކުރާނެކަމަށް އިމިޤްރޭޝަން އިން ވަނީ ބުނެފައެވެ.
ކުރިން ހުށައަޅާފައިވާ ޕާސްޕޯޓުތައް ނެގުމަށް ޕާސްޕޯޓު ހޮޓްލައިން 9555333 އަށް ގުޅުއްވައިގެން ނުވަތަ އިމިޤްރޭޝަން އަށް އީމެއިލް ކޮށްގެން އެޕޮއިންޓްމަންޓު ހެއްދުމަށް އިމިޤްރޭޝަނުން ވަނީ އެދިލައްވާފައެވެ. ޕާސްޕޯޓު ނެގުމަށް އެޕޮއިންޓްމަންޓު ދޫކުރާނީ އެޕްލިކޭޝަން ލިބޭ ތަރުތީބުން ހެނދުނު 8:30 އާއި 14:00 އާއި ދެމެދު ކަމަށް އިމިޣްރޭޝަން އިން ބުނެއެވެ.
އައު އާންމު ހާލަތުގައި އިމިގްރޭޝަންގެ ޚިދުމަތްތައް! pic.twitter.com/ZbxwthD0a1
— Maldives Immigration (@ImmigrationMV) July 4, 2020
ވޯކް ވިޒާއަށް އެދި ހުށައަޅަން ޖެހެނީ "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމަށާއި ޕާސްޕޯޓު ހުށައެޅުމަށް އޮންލައިންކޮށް އެޕޮއިންޓްމަންޓު ހެއްދޭނެ ކަމަށް އިމިޤްރޭޝަނުން ވަނީ ބުނެފައެވެ.




