ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ބޮޑެތި ތުހުމަތުތަކެއްކޮށް އެ މައްސަލަތައް ތަޙްޤީޤު ކުރަމުންދާކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ ރިޒް ކޮމްޕެނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެގޮތުން، ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވެފައިވަނީ ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަން އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭކަމަށެވެ.
އެ މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުންގެ ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



