ދާދިފަހަކުން ދަންޖެހިފައި ހުއްޓާ ފެނުނު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުޝާންތު ސިންގް ރަޖްޕޫތުގެ އެންމެ ފަހުގެ ފިލްމް "ދިލް ބޭޗާރަ"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ޓްރެއިލާއަށް ގިނަ ބަޔެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
"ދިލް ބޭޗރާ" އަކީ، 2014 ވަނަ އަހަރު ނުކުތް ކާމިޔާބު ހޮލީވުޑްގެ ލޯބީގެ ފިލްމް "ދަ ފައުލްޓް އިން އަވާ ސްޓާ" ގެ ހިންދީ ރީމޭކެކެވެ. މި ފިލްމްގެ ފިރިހެން ލީޑުން ސުޝާންތް ފެނިގެންދާއިރު، އަންހެން ލީޑުން ފެނިގެންދަނީ، ސަންޖަނާ ސާންގީ އެވެ.
މި ފިލްމްގައި ކިޔައިދެނީ، ކެންސަރާއި ހަނގުރާމަ ކުރާ ދެ ލޯބިވެރިންގެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. އެގޮތުން މި ފިލްމްގައި ސުޝާންތް އަދާކުރާނީ، ކެންސަރާއި ހަނގުރާމަކުރަމުންދާ މީހެއްގެ ރޯލުންނެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ، މުކޭޝް ޗައްބުރާ އެވެ.
ސުޝާންތްގެ މަރާއެކު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ، މި ފިލްމަށް ވާއިރު، ގިނަ ބަޔަކު ވަނީ މި ފިލްމް އަވަހަށް ސިނަމާތަކުގައި އެޅުވުމަށް އެދިފައެވެ. އެއާއެކު، މި ފިލްމް ވެގެންދާނީ، މިއަހަރު ސިނަމާގައި އެޅުވޭ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސުޝަންތް މަރުވެފައި އޮއްވާ ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅެމުންދާ ގޭގެ ތެރެއިން ދަންޖެހިފައި ހުއްޓައެވެ. އޭނާ ޑިޕްރެޝަންގައި އުޅެމުންދާތާ ހައެއްކަ މަސް ވެދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. .




