ޤްރުއާން ޓީޗަރަކު ދަރިވަރަކަށް ޖިންސީގޯނާ ކުރިކަމުގެ މައްސަލެއް މީސްމީޑިއާގައި ފެންމަތި ވެއްޖެއެވެ.
މި ޓީޗަރުގެ ފަރާތުން ލިބުނު އަނިޔާތަކުގެ ތަފްސީލްތައް އަނިޔާ ލިބުނު ކަމަށް ބުނާ ޒުވާން އަންހެން ކުއްޖާ ވަނީ ފޭސްބުކްގައި ކިޔައިދީފައެވެ.
މި ޓީޗަރުއާ ބެހޭ ގޮތުން ޖިންސީގޯނާގެ ތުހުމަތެއް ކުރީ ޝާ އަސްލަމް ނަމުގައި ފޭސްބުކްގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. މި ޓީޗަރުގެ އަނިޔާގެ ޝިކާރައަކަށްވި އިރު، އޭނާގެ އުމުރުން ވާނީ އެންމެ 13 އަހަރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ޝާ ކިޔައި ދިން ގޮތުގައި އޭނާއަށް ފުރަތަމަ ޖިންސީގޯނާ ކުރިމަތިވީ އުމުރުން 9 އަހަރުގައި އެވެ. އެއީ އަވައްޓެރިންގެ ފަރާތުން ކަމަށްވެސް އޭނާ އެޕޯސްޓްގައި ބުނެފައިވެއެވެ. ދެން އޭނާ ބުނިގޮތުގައި އުމުރުން 13 އަހަރުގައި އާއިލާ މެމްބަރެއްގެ ފަރާތުން ޖިންސީ ގޯނާގެ ކުރިމަތިވި ކަމަށާއި، އެނާއަކީ ޤްރުއާން ޓީޗަރެއް ކަމަށްވެސް އެޕޯސްޓްގައި އޭނާ ބުނެފައިވެއެވެ.
ޝާ ކިޔައި ދިން ގޮތުގައި މި ޓީޗަރު އޭނާ އަށް ބިރުދައްކައި ބްލެކްމެއިލްކޮއްގެން 2 މަސް ދުވަހައްވުރެންގިނައިން ބެހުނު ކަމަށެވެ. އަދި މިވާހަކަތައް އޭނާގެ ބެލެނިވެރިންގެ ގާތު ނުބުނުމައް ބިރުދެއްކި ކަމަށްވެސް ޝާ ގެ ޕޯސްޓްގައި ބުނެފައިވެއެވެ.
"އެނާ ބެހުނީ ހަމައެކަނި އަހަރެންނަކާއި ނޫން، އެހެން އަންހެން ކުދިންނާވެސް ބެހޭ، އޭނާގެ ދަރިވަރުންވެސް މިކަންތައް ސުކޫލްތަކަށް ރިޕޯޓްކޮއްފައިވެސް އެބަހުރި" ޝާ ބުންޏެވެ.
މިޓީޗަރު މަސައްކަތް ކޮއްފައިވަނީ ހުޅުމާލެ ރެހެންދީ ސުކޫލުގައި ޤްރުއާން ޓީޗަރެއްގެ ގޮތުގައި ކަމަށްވެސް ޝާގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ޝާ ބުނިގޮތުގައި އޭނާއަށް އިންސާފު ނުލިބޭ ކަަމަށާއި، މި ޓީޗަރު އަދިވެސް މިނިވަންކަމާއެކު އުޅެމުންދާ ކަމަށެވެ. އަދި އެއީ ކީއްވެ ތޯ ޝާ ވަނީ ސުވާލު އުފައްދާފައެވެ.
ރޭޕްގެ ގިނަ މައްސަލަތަކެއް މިހާރު ރާއްޖޭގައި ފެންމަތިވެފައިވާއި ދާދިފަހުން ވަނީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލް، އޭނާގެ ދެބައިންގެ ދެ ދަރި އަންހެން ކޮއްކޮ ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްވެސް ފެންމަތިވެފައެވެ.
ޖުމައްޔިލްއާ މެދުގައި މިވަރުގެ ބޮޑު ތުހުމަތެއް މިއައީ ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހޫނުވެ، ރޭޕް ކުރާ މީހުންނަށް ދެކޮޅަށް އަޑު އުފުލަމުން އަންނަ ދުވަސްވަރެއްގައެވެ.