އިދިކޮޅުން ޕީޖީ އާއި ބައްދަލުކޮށް ގިނަ ކަންތައްތަކެއް ހިއްސާކުރައްވައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބައްދަލު ކުރައްވައ ގިނަ ކަންތައްތަކެއް ޙިއްސާކުރައްވައިފިއެވެ.

އިދިކޮޅުން ވިދާޅުވެފައިވަނީ ޤައުމުގައި މި ވަގުތު ހިންގަމުންދާ ބޮޑެތި ކަންކަމާ ޤައުމީ ފެންވަރުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ޙިއްސާކޮށް، އަދިވެސް އިތުރު ކަންކަމާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕް އިން ޕްރޮސެކިއުޓަރ ޖެނެރަލްއާއި ބައްދަލުކޮށްފައިވާކަމަށެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެފއިވަނީ ޕީޖީއާއި ބައްދަލު ކުރަން އެދުނީ ވަރަށް ބޮޑު ކަނބޮޑުވުންތަކެއް ހުރުމުން ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާއި މެދު އުފުލަމުންދާ ދަޢުވާތަކައި އެމަނިކުފާނަށް ސަރުކާރުން ދެމުންދާ އަނިޔާތައްކަމަށެވެ.

އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކޮށްގެން އުޅޭނީ އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައިކަމަށްވާއިރު، ޔާމީންގެ މައްޗަށް އެކަން ސާބިތުކޮށްގެން ހުކުމް ކުރި އިރު އެސްއޯއެފްގެ މައްޗަށް ދަޢުވާ ނުކުރެވިގެން އުޅޭނީ ކީއްވެތޯ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ވަންޏާ އެ ފައިސާ ފުރަތަމަ ވަދެފަ އެހުރީ އެސްއޯއެފްއަށް" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވެފައިވަނީ މިކަން ޕީޖީއާއި ޙިއްސާ ކުރެއްވުމުން އެސްއޯއެފްގެ ތަޙްޤީޤުވެސް ހިނގަމުންދާކަމުގައި ޕީޖީ ވިދާޅުވެފައިވާކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޕީޖީއާއި ޙިއްސާ ކުރައްވާފައިވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނުމީހުންނާއި ދޭތެރޭގައި މިހާތަނަށް ފިޔަވަޅެއް ނޭޅި އަދި އެކަން ތަޙްޤީޤު ދާގޮތެއްވެސް ނޭންގި އޮތް ކަމުގެ ޝަކުވާއެވެ. އަބްދުއްރަޙީމް ވިދާޅުވީ މި ސަރުކާރުން އިސްވެއޮވެގެން އިސްލާމްދީން ނައްތާލަން ކުރާމަސައްކަތަށް ވާގިވެރިވަމުންދާތީވެ އެކަން ވިޔަ ނުދިނުމަށްޓަކައި ޕީޖީގެ ދަޢުރު އަދާކޮށްދިނުމަށް އެދިފައިވާކަމަށެވެ.

މީގެ އިތުރުން ދާދި ފަހުން ހުޅުމާލެ ފަޅުގައި ހިނގާދިޔަ ރޭޕްގެ ކޭސްއާއި އަދި އެނޫންވެސް ރޭޕްގެ ކުއްތަކާއި ޖިންސީ ގޯނާ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި މިފަދަ ކަންތައްތަކާއި ދޭތެރޭގައި މިއަދުގެ ސަރުކާރުން އަޅާނުލާތީ އެކަމުގެ ކަންބޮޑުވުންވެސް ހިއްސާކޮށްފައިވާކަމުގައިވެސް އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ. އަދި ޕީޖީއަށް ޤާނޫނުގެ ތެރެއިން ލިބިދޭ އިޚްތިޔާރުގެ ބޭނުން ކުރައްވައިގެން މިކަންކަމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދިނުމަށް ދެންނަވާފައިވާނެ ކަމުގައި އަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ ޕީޖީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވެފައިވަނީ މި ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ޚިލާފަށް ޕީޖީގެ ފަރާތުން ފެނިފައިވަނީ ވަރަށް ޒިންމާދާރު ސިފަތަކެއްކަމަށާއި، ޕީޖީ ވަނީ އެބޭފުޅުންނަށް ވަރަށް ގިނަ ވަގުތު ދެއްވައި ޙިއްސާކުރި ކަންބޮޑުވުންތައް އަޑުއައްސާފައިކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ