ތަޙުޤީޤުކުރުމަށް މީހުން ހައްޔަރު ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް (ޕީޖީ ޝަމީމް) ވިދާޅުވެއްޖެއެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސައާއި ގުޅޭ ގޮތުން ހުށައަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ޕީޖީގައި އެދުމުން އެ އަމުރަށް ކްރިމިނަލް ކޯޓުގައި އެދި ކޯޓުން އެ އަމުރު ނުދޭން ނިންމާފައިވަނި ކޮށެވެ.
ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާގޮތުގައި، ހައްޔަރުކުރުން ހުއްދަ ސަބަބުތައް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަޙުޤީޤުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
"ޤާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް ޢާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަޙްޤީޤު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށް. އެއީ، ތަޙްޤީޤު ކުރަން ފަސޭހަވާނެ ކަމަށް. ނަމަވެސް، މިކަމުގެ ތާރީޚީ ޙަޤީޤަތްތައް ހުރި ގޮތުން، ޤާނޫނުއަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ޙައްޤުތައް ޙިމާޔަތް ކުރެވޭ ގޮތަކަށް ޤާނޫނު ލިޔެފައި." ޝަމީމް ވިދާޅުވިއެވެ.




