ކާޑެއްދޫ އެއަރ ޕޯޓްގެ ފެންވަރު ރަނގަޅު ކޮށްދިނުމަށް އެދި މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާންގެ ސިޓީއެއް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަލްފާޟިލް އާއިޝަތު ނަހުލާއަށް ފޮނުވައިފިއެވެ.
މެންބަރު ފިރުޝަން ގެ މި ސިޓީގައި ވިދާޅުވެފައިވަނީ މަޑަވެލި ދާއިރާ އަކީ ވަޒީފާގެ ފުރުޞަތު މަދު ދާއިރާ އަކަށްވެފައި ވަޒީފާއަދާކުރާ ގިނަމީހުން ވަޒީފާ އަދާކުރަނީ ކާޑެއްދޫ އެއަރޕޯޓާއި ރިސޯޓްތަކުގައިކަމަށާއި ކާޑެއްދޫ އެއަރޕޯޓް އަށް ދިމާވެފައިވާ ކޮންމެ މައްސަލަ އަކީ ދާއިރާ އާއި ސީދާ ގުޅިފައިވާ ކަމެއްކަމަށެވެ.
ފިރުޝާން ވިދާޅުވެފައިވަނީ ކާޑެއްދޫ ގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން މަޑަވެލި ދާއިރާ އަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ އެބޭފުޅާއާއި ހަމައަށް އައިސްފައިވާކަމަށާއި އެގޮތުން ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިންގާ އެހެން އެޢަރޕޯޓްތަކާއި ޚިލާފަށް ބޮޑެތި ތަފާތުކުރުންތަކެއް ކާޑެއްދޫއެއަރޕޯޓްގައި ގެންގުޅޭކަމަށެވެ.
މުވައްޒަފުންނަށް ވަޒީފާ ދޭފަރާތުން ކޮންމެހެން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ތަފާތު ގެންގުޅޭކަމާއި މުވައްޒަފުންނަށް ވަޒީފާދޭފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ވާހަކަ ޝަކުވާގެގޮތުގައި ލިބިފައިވާކަމުގައި ފިރުޝާން ވަނީ ވިދާޅުވެފައެވެ. އަދި މުވައްޒަފުންގެ ކާޑެއްދޫ އަކީ ގިނަޢަދަދެއްގެ ފަތުރުވެރިން އަރައި ފައިބާ ތަނަކަށްވާއިރު އެކަށީގެންވާ ވަސީލަތްތައްނެތި މުސްކުޅި އެއަރޕޯޓެއްގެ ގޮތުގައި ހިންގާކަމުގެ ޝަކުވާވެސް ލިބިފައިވާކަމުގައި ފިރުޝާން ވިދާޅުވެއެވެ.

އެގޮތުން ދާއިރާގެ މީހުންގެ ފަރާތުން އެބޭފުޅާއަށް ލިބިފައިވާ ގިނަ ޝަކުވާތައް ޓްރާންސްޕޯޓް މިނިސްޓަރަށް ޙިއްސާކުރައްވަމުން މެންބަރު ފިރުޝާން ވަނީ ތަނުގެ ހާލަތު ދައްކުވައިދޭ ގިނަ ފޮޓޯތައްވެސް ފޮނުވާފައެވެ. އަދި އެކަންތައްތައް ވީހާވެސް އަވަހަކަށް ޙައްލުކޮށްދިނުމަށް މެންބަރު ވަނީ މިނިސްޓަރުގެ އަރިހުން އެދިލައްވާފައެވެ.



