ގދ.މަޑަވެލީ ސްކޫލް ތަރައްޤީކޮށް، މަޑަވެލި ޞިއްޙީމަރުކަޒުން އިތުރު ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި، މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް އެމްޑީޕީގެ ޓިކެޓްގައި މަޑަވެލީ ދާއިރާއަށް ވާދަކުރައްވާ ޙުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުވެސް ބައިވެރި މަޑަވެލީ ޖަލްސާގައި ފިރުޝާން ވިދާޅުވީ، އެޖެންޑާ 19 އާއިގެން މިއަދު ކުރައްވާ ދަތުރަކީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޖުމްލަ ހައްލު ހިފައިގެން ކުރައްވާ ދަތުރެއް ކަމަށާއި، 19 ސިޔާސަތު ނުވަތަ ބިލާއެކު ކުރާ ދަތުރުގައި ރައީސް ނަޝީދު ބައިވެރިވުމަކީ ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ.
ފިރުޝާން ވިދާޅުވީ، އެދުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބޯހިޔާވަހިކަން ލިބި، ހިތްފަސޭހަ ހިތްގައިމު ދިރުއުޅުމެއް ލިބުން ކަމަށެވެ. އަދި ތަޢުލީމީ ނިޒާމް ރަނގަޅުވެގެންދިއުމުގެ އިތުރުން ޞިއްޙީ ނިޒާމް ރަނގަޅުވެ ވަޒީފާ ހޯދަން މަސައްކަތްކުރާ ކުއްޖާއަށް އިނާޔަތް ލިބިގެންދިއުމަށްވެސް އެދިވަޑައިގަންނަވާކަމަށް ފިރުޝާން ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިންވެސް ފާހަގަކޮށްފައިވާނެ، މަޑަވެލީގެ އާބާދީގެ 20 އިންސައްތައަކީ ބޯހިޔާވަހިކަން ނެތް ރައްޔިތުން، އާއިލާތައް. އިރާދަކުރެއްވިއްޔާ އެޖެންޑާ 19 ތަންފީޒުވެގެންދާއިރު، މިރަށުގެ ގެދޮރުނެތް 20 އިންސައްތަ އާބާދީއަށް ބޯހިޔާވަހިކަން ކަށަވަރު ވެގެންދާނެ." ކެންޑިޑޭޓް ނަންބަރު 4، ޙުސައިން ފިރުޝާން ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ކަށަވަރުވުމުގެ އިތުރުން، މަޑަވެލި ހެލްތު ސެންޓަރުން އިރާދަކުރެއްވިއްޔާ ލޭގެ ޓެސްޓާއި ޔޫރިން ޓެސްޓް ހެދޭނެ ކަމަށާއި، މަޑަވެލީ ސްކޫލުން އިރާދަކުރެއްވިއްޔާ 11، 12 އަށް ކިޔެވޭނެ ކަމަށްވެސް ފިރުޝާން މިއަދު ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ، މިގޮތަށް ވަކި ވަކިން ނުކީ ނަމަވެސް، ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު އެޖެންޑާ 19 ގައި ހިމެނިފައިވާ ކަމަށެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ފިރުޝާނަކީ ވޯޓް ވިއްކާނެ ބޭފުޅެއް ނޫންކަމަށާއި، އޭނާއަކީ "ނަޒާހާތްތެރިއެއް" ކަމަށެވެ.




