މިނިވަން ދުވަހުގެ ޙާރަކާތްތައް ނުބާއްވަން ސަރުކާރުން ނިންމައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދަވާ އިޙްތިފާލުތައް މި އަހަރު ނުބާއްވަވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމާއި، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ކުޅިވަރުތަކާއި އެހެނިހެން ޙަރަކާތްތައް މި އަހަރު ނުބާއްވަވާނެއެވެ.

މިގޮތަށް ނިއްމެވީ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުންނާއި މިކަން ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، އިޙްތިފާލުތައް މި އަހަރު ނުބާއްވަން ނިއްމެވީ، ކޯވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ގުޅިގެންނާއި، ޢާއްމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށްޓަކައި، ތަފާތު ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާތީ ކަމަށެވެ.

އެހެންނަމަވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރެއްވުން އޮންނާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރު ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމުގެ ކަންތައް ކުރިއަށް ގެންދިޔުމާގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ލަފާ ހޯއްދެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެގޮތުން ޤައުމީ އިނާމަށާއި ޚާއްޞަ އިނާމަށް އިޢުލާނު ކުރެއްވުމަށާއި، ކޯވިޑުގެ ހާލަތު އޭރު އޮތް ގޮތެއްގެ މައްޗަށް ބައްލަވައި، މުނާސަބަތު ފާހަގަކުރެވޭ ގޮތަށް ޙާލަތު ބަދަލުވެއްޖެނަމަ، ޤައުމީ ދުވަހުގެ ޖަލްސާއާއި ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވަވައި އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ޖަލްސާ ބޭއްވޭނެ ގޮތް ނުވެއްޖެނަމަ، އެ ވަގުތުގެ ހާލަތަށް ރިޢާޔަތް ކުރައްވައިގެން އިނާމު ދެއްވުމަށްވެސް މިއަދު ނިންމެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ