ބްރެޒިލްގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑް-19 އަކީ އާދައިގެ ބައްޔެއްކަމަށް ވިދާޅުވެފައިވާ ޖައިރު ބޮލްސޮނާރޯ ޓީވީ މެދުވެރިކޮށް ވަނީ އޭނާ ކޮވިޑް-19 އަށް ކުރި ޓެސްޓުގެ ނަތީޖާ އައީ ޕޮޒިޓިވް ކޮށް ކަމަށެވެ.

އުމުރުން 65 އަހަރުގެ ޖައިރު ބޮލްސޮނާރޯ ކޮވިޑް-19 އަށް ޓެސްޓު ކުރީ ކުޑަކޮށް ހުން އައުމާއި ގުޅިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އައިސޮލޭޓް ވުމަށްފަހުވެސް މަގާމުގެ މަސްޢޫލިއްޔަތު އަދާކުރައްވާނެ ކަމަށް ބްރެޒިލްގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ.

ޖައިރު ބޮލްސޮނާރޯ އަކީ ދުނިޔޭގެ ލީޑަރުންގެ ތެރެއިން 3 ވަނައަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ލީޑަރެވެ. ޖައިރު ގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އަދި ހޮންޑުޔުރަސް ގެ ރައީސް ޖުއާން އޮލަންޑޯ ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ބްރެޒިލްގައި މިހާތަނަށް 1.6 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިއީ ދުނިޔެއިން 2 ވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ގައުމެވެ. މިހާތަނަށް އެގައުމުން 65,631 މީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު 1,072,229 މީހުން ވަނީ އެގައުމުން ރަނގަޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ