ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު - ފޮޓޯ: ސަން

އިންސާފުގެ ދިގު ރާސްތާ ކުރުވެއްޖެ: ރިއްފަތު

އިންސާފުގެ ދިގު ރާސްތާ ކުރު ކުރެވިފައިވާކަމަށް އެޓާރނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރޭ ކުރެއްވި ކުރު ޓްވީޓެއްގައި ރިއްފަތު ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ގެ ޛަރިއްޔާއިން ޝަރީޢަތް ހިންގަން ފެށުމުން އިންޞާފުގެ ދިގު ރާސްތާ ކުރުވެފައިވާ ކަމަށެވެ.

އެޓާރނީ ޖެނެރަލް މިހެން ވިދާޅުވީ، ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެންނެވި 2 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޞްދީޤު ކުރައްވުމާއި ގުޅިގެންނެވެ.

މިގޮތުން، ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރު ލިބިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ކާރިސާގެ ޙާލަތެއްގެ ސަބަބުން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތުން؛ ޖޯގުރަފީ ގޮތުން ރަށްތަކާއި ސަރަޙައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ޚަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަޙައްދެއްގައި ޤާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކު، އަދި ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވުން މެދުވެރިވެ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ބުރޫއަރާފާނެ ޙާލަތްތަކަކީ ޚާއްޞަ ޙާލަތްތަކެއްކަމަށް ފަނޑިޔާރަށް ކަނޑައެޅިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިގޮތަށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނީ އެގޮތަށް އެކަން ކުރުމަށް ކުށުގެ ތުހުމަތުގައިވާ ފަރާތް ނުވަތަ ދަޢުވާ ލިބޭ ފަރާތް އިޢުތިރާޟު ނުކުރާނަމައެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީޢަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިންގ، އެ މައްސަލައެއް ނިމޭ ތާރީޚުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތިރީސްވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ޚާއްޞަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ