ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދެންމެ ނެރެފައިވާ ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދު 13:00 އިން ފެށިގެން ހަވީރު 17:00 އާއި ދެމެދު އުދައެރުމުގެ ފުރުޞަތު އޮތްކަމަށެވެ. އިއްޔެ ވެސް މެޓް އޮފީހުން ވަނީ އެސަރަހައްދަށް އުދަ އަރާނެކަމަށް ލަފާކޮށް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ މެންދުރުފަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ގުގުރުން އެކަށީގެންވާކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމުގައިވެސް މެތް އޮފީހުން ވިދަޅުވެއެވެ.




