ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ އެއްބަސްވުން ބާޠިލް ނުކޮށް ކުރިޔަށް ގެންދެވޭތޯ ބަލަމުން ދާކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޯޕަރޭޝަނުން މިހެން ވިދާޅުވެފައިވަނީ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަރޓީ އެސް.ޑީ.އެން ބީ.އެޗް.ޑީ ގްރޫޕަށް އެ ކޯޕަރޭޝަނުން ދައްކަންޖެހޭ ފައިސާއާ ގުޅޭގޮތުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ 25 ބުރީގެ މި އޮފީސްއިމާރާތަކީީ ފުރަތަމަ މާލޭގައި ތަރައްޤީ ކުރުމަށްޓަކައ،ި މިނިސްޓްރީ އޮފް ފިނޭންސް އާއި ޑަބްލިއު.ޒެޑް.އާރު ޕްރޮޕަރޓީ އެން.ޑީ.އެން ބީ.އެޗް.ޑީ ގްރޫޕްއާއި ދެމެދު 2016 މާރިޗު 1 ވަނަ ދުވަހު 122.7 މިލިއަން އެމެރިކާ ޑޮލަރަށް އެއްބަސްވެފައިވާ އިމާރާތެއްކަމަށެވެ.
ނަމަވެސް މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށްވާ އެންމެހައި އިލްތިޒާމްތައް 2017 މާރިޗް 7 ވަނަ ދުވަހު އެ ކޯޕަރޭޝަނަށް ބަދަލުކުރެވިފައިވާ ކަމުގައި އެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީ އިން ވިދާޅުވެފައިވަނީ ނޮވޭޝަން އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މި މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އެ ކޯޕަރޭޝަނަށް ހަމަޖެހިފައި ނުވާކަމަށާއި އަދި މީގެއިތުރުން، މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ
އަގު 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުވެގެން ގޮސްފައިވާކަމަށެވެ.
އެ ކޯޕަރޭޝަނަށް އެއްބަސްވުން ނޮވޭޓްކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށްވަނީ، 30 މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިކަމަށާއި އެހެންނަމަވެސް، ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި މި ކޯޕަރޭޝަނާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގު ކުޑަކުރެވިފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން 25 (ފަންސަވީސް) މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައި ވީނަމަވެސް، މައްސަލަ އެޖޫޑިކޭޓަރގެ ފަރާތުން ދިރާސާ ކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެގޮތުގައި 22.8 (ބާވިސް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ނިންމަވާފައެވެ.
އެޗްޑީސީ އިން ވިދާޅުވެފައިވަނީ އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް އެ ކޯޕަރޭޝަނަށް ނުފެންނާތީއާއި، އިޢާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން އެ ކޯޕަރޭޝަން ސަލާމަތްކޮށް، މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ކެނޑިނޭޅި އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަމަށެވެ.
އެކޯޕަރޭޝަނުން ވިދާޅުވެފައިވަނީ އެޖުޑިކޭޓަރގެ ނިންމެވުމާއި ގުޅިގެން، އެ ކޯޕަރޭޝަނުން މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރެވެމުން ދާކަމަށެވެ.



