ބަންޑާރަނައިބު އިބްރާހީމް ރިފްއަތު - ފޮޓޯ: ސަން

ބަންޑާރަނައިބަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް، ކޮރަޕްޝަނުގައި ނުޖެހޭނެ - ރައީސް ނަޝީދު

ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް ކުރެވެމުންދާ ދިވެހި ދައުލަތުގެ ބަންޑާރަނައިބު (އެޓަރނީ ޖެނެރަލް) އިބްރާހީމް ރިއްފަތަކީ ވަރަށް ނަޒާހާތްތެރި ބޭފުޅެއް ކަމަށް ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އަމިއްލަ ކުންފުނިތަކަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޭން ކޯޓުން މިފަހުން ކުރި ހުކުމްތަކުގައި އޭނާގެ އިހުމާލްވުންތަކާއި ނުފޫޒުތަކެއްވާ ކަމަށެވެ.

ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަށް ކުރައްވަމުންދާ ތުހުމަތުގެ މައްސަލަ ހޫނުވެފައިވަނިކޮށް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ނަޒަރުގައި ބަންޑާރަނައިބު ރިފްޢަތަކީ ވަރަށްވެސް "ނަޒާހާތްތެރި" ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި ހުރިތަނުގައި ބަންޑާރަނައިބު އިބްރާހީމް ރަފްޢަތަކީ ވަރަށްވެސް ނަޒާހާތްތެރި ބޭފުޅެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ބަންޑާރަނައިބު އިބްރާހީމް ރިފްޢަތު "އެއްވެސް ބާވަތެއްގެ ކޮރަޕްޝަނުގެ ޢަމަލެއް ހިންގަފާނެކަމަށް އެއްގޮތަކަށްވެސް ޤަބޫލުފުޅު ނުކުރެއްވޭ" ކަމަށެވެ.

ބަންޑާރަނައިބުގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުމެއްގެ ބަދަލުގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ސަރުކާރުގެ އިތުރުން ސްޕްރީމް ކޯޓަށްވެސް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ.

ސަރުކާރާއި، ބަންޑާރަނައިބަށް ކުރާ ތުހުމަތުތައް ދޮގުކޮށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ނޫސްބަޔާން ދީބާޖާއިން ދޮގުކޮށްފައިވާއިރު، ސްޕްރީމް ކޯޓަށް ފާޑުކިޔައި ދިވެހި އޮންލައިން ނޫސް "ސީއެންއެމް" އިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން އެ ނޫހަށް ޤާނޫނޫ ފިޔަވަޅު އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައެވެ.

ދިވެހި ދައުލަތަށާއި، ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އަދުގެ ސަރުކާރުން ކޮރަޕްޝަނަށް ދެއްވާނީ "ޒީރޯ ޓޮލެރެންސް" ކަމަށް ވިދާޅުވެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވުނު މިނިސްޓަރަކާއި، ސަރުކާރުގެ ބައެއް އިސްވެރިން މީގެ ކުރިން ސަސްޕެންޑްވެސް ކޮށްފައިވެއެވެ. ނަމަވެސް ބަންޑާރައިބަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް