މައްޔިތުންވެސް ނެގެޓިވް، ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް - މުއައްސަސާތައް އޮޅިފަ ހިމޭނުން!

ކޮވިޑް-19 ގެ ބިރުވެރި ދުވަސްތައް މުޅި ދުނިޔެ ގުނަމުންދާއިރު، އެ ބިރުވެރިކަން ދިވެހިރާއްޖޭގައިވެސް ކުޑައެއް ނޫނެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި މި ބަލި ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް އަދިވެސް އެތައް ޤައުމެއްގައި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2517 ގައި ހުރިއިރު، މި ބަލީގައި މިހާތަނަށް ނިޔާވެފައިވަނީ 13 މީހުންނެވެ. މަރުވި މީހުންގެ އަދަދު މިހާ ދަށުގައި ހިފެހެއްޓިފައި ހުރީ ހަމަ ޤައިމުވެސް މި ހާލަތުން އަރައިގަންނަން ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވުމުންނެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުވެސް ދަށްކުރެވިފައި ވީނަމަވެސް ފަރުވާ ކުޑަކޮށްފިނަމަ އަދިވެސް މި ބަލީގެ ނުރައްކާ އެތައް ގުނައެއް ބޮޑުވުމުގެ ފުރުޞަތު އޮތީ ހަމަ އެހާމެ ފުޅާކޮށެވެ.

އިއްޔެ ރާއްޖޭގައި ހިނގާދިޔަ ފާހަގަކޮށްލެވޭ އެއް ކަމަކީ މި ބަލީގައި 13 ވަނަ މީހަކު ނިޔާވުމަށްވާއިރު، މި ކަމާއި ގުޅިގެން ހިނގާދިޔަ ކަންތައްތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. 70 އަހަރުގެ ނިޔާވި އަންހެން މީހާގެ މަރު ސާބިތުކުރީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ޑޮކްޓަރ އައިމިނަތު އަފާ މުޙައްމަދެވެ. އައިޖީއެމް ހޮސްޕިޓަލުން ތައްގަނޑުޖަހައި ދޫކޮށްފައިވާ ކޮވިޑް-19 ކާރިސާގެ ތެރޭގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ފޯމުގައި ބަޔާންކޮށްފައިވަނީ "ކޮވިޑް-19 އާއި ގުޅުމެއް ނެތް" ފަރާތެއްގެ ގޮތުގައި ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.

This morning my mom in law passed away. At IGMH, she was pronounced dead app. 3hrs before she was taken to the...

Posted by Phaxu Ahmed on Wednesday, July 8, 2020

އިއްޔެ މެންދުރު 01:10 ގައި މަރު ސާބިތުކޮށް މިގޮތަށް އެންގުމުން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށްދިޔައިރު އާއިލާގެ ހުރިހާ މެންބަރުންވެސް ޖަމާވެ މަރުހޫމާ ދިރިއުޅުނު ގޭގެ މީހުންނާ އެކު އެތައް ވަގުތެއް ހޭދަކުރިއެވެ. ނަމަވެސް ވަޅުނުލެވެނީސް އައިޖީއެމް ހޮސްޕިޓަލުން އާއިލާއަށް ފޯނުން ގުޅައި، ނިޔާވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށްބުނެ އާއިލާ މެންބަރުން ސަހަރާއިން ފޮނުވާލިއެވެ.

އެހިސާބުން ފެށިގެން މި ނޫހަށް ލިބުނު މަޢުލޫމާތުތަކާއި ގުޅިގެން ކަން ހިނގާ ދިޔަގޮތް ސާފުކުރުމަށް އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، ޑޮކްޓަރުންގެ ފަރާތުން އެކަން ސާފުކުރުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ. ނަމަވެސް މި ނޫހުން ކުރި ސުވާލަށް ޖަވާބު ނުލިބި، އާއިލާއަށް އަނެއްކާވެސް ތަފާތު ޖަވާބެއް އައިޖީއެމް އެޗުން ވަނީ ދީފައެވެ. މިފަހަރުވެސް ފޯނުން ގުޅައި އައިޖީއެމް ހޮސްޕިޓަލުން އާއިލާއަށް އެންގީ މަރުހޫމާ ކައިރިއަށް ދިއުން އެންމެ ރަނގަޅު ކަމަށެވެ. އާދައިގެމަތިން ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އެއާއެކު އާއިލާ މެންބަރުން އަނެއްކާވެސް އާސަހަރާއަށް ޖަމާވެ އެކުގައި އުޅެފައިވެއެވެ.

ކަން މިހެން ހިނގާފައިވަނިކޮށް، ރޭ 08:05 ގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި70 އަހަރުގެ އަންހެން މީހާ ކޮވިޑް-19 އަށް "ޕޮޒިޓިވް" ވެފައިވާ ކަމަށެވެ. މިއީ މައްޔިތާގެ މަރަށްފަހު އެ މައްޔިތާ އާއި ގުޅިގެން ޕޮޒިޓިވްތޯ ކުރެވުނު ސުވާލަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވި ތަފާތު ހަތަރުވަނަ ޖަވާބެވެ. މީގެ އިތުރުން އާއިލާއަށް ދޫކުރި ކަށުކަމާކެމީގެ ފޯމުވެސް އަލުން އަނބުރާ އައިޖީއެމްހޮސްޕިޓަލަށް ރައްދުކޮށްދިނުމަށް އެ ހޮސްޕިޓަލުން ވަނީ އާއިލާގައި އެދިފައެވެ. އާޚިޜުގައި ޕޮޒިޓިވް ކަމަށް ނިންމިއިރު މިވަނީ ހިނގާނެ ހުރިހާ ގޯހެއް ހިނގާ ނިމިފައެވެ.

މަރުހޫމާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ވަނީނަމަ، މަރުހޫމާ ދިރިއުޅު ގޭގައި އެކުގައިނ ދިރިއުޅުނު މީހުން ޓެސްޓް ކުރެވި ބަލި ޖެހިފައި ވޭތޯ ބެލުން މުހިންމެވެ. ނަމަވެސް "އޮޅިގެން" ނަމަވެސް ދެފަހަރު އެކައްޗެއް ނުކިޔުމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅެން ނުޖެހޭ އެތައް ބަޔަކު މިވަނީ ނުރައްކަލަށްވެސް ހުށަހެޅިފައެވެ.

މިކަމާ ގުޅިގެން ތަކުރާރުކޮށް އައިޖީއެމް ހޮސްޕިޓަލްގެ މީޑިއާ އޮފިސަލަށް މިނޫހުން ގުޅުމުންވެސް ވިދާޅުވީ، މިކަމާ ގުޅިގެން ޖަވާބެއް ދެއްވޭނީ ޑޮކްޓަރުގެ ބަހެއް ލިބުމުން ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެ ހޮސްޕިޓަލުން ވަނީ ޖަވާބު ދިނުމަށް ނުކުޅެދިފައެވެ. މީގެ އިތުރުމުން މިކަމާ ގުޅިގެން ސުވާލުކުރުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާއަށް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ އިދާރާގެ ބަހެއްވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ ކާރިސާއާއި ގުޅިގެން މުޅި ޤައުމު ހުއްޓިފައި އޮތްއިރު، ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކަށް ނިދިފައި، ނުވަތަ މިހާވަރަށް އޮޅިފައި އޮންނަ ކަމަށްވާނަމަ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް އެތައް ގުނައަކަށް އިތުރުވުމަކީ ނުވެ ނުދާނެ ކަންކަމެވެ. ރައްޔިތުންގެ ސަަލާމަތާއި ރައްކާތެރިކަމަށްޓަކައި މުއައްސަސާތައް މިއަށްވުރެ ހަރުދަނާކުރަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
73
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ