ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ހާލަތުގައި ކުރީސަފުގައި މަސައްކަތް ކުރާ ފާރާތްތަކުގެ ކޮވިޑް-19 އެންޓިބޮޑީ ޓެސްޓް ހިލޭ ކޮށްދިނުމަށް ނިންމާފައިވާކަމުގައި އޭޑީކޭ އިން ހާމަ ކުރައްވައިފިއެވެ.
އޭޑީކޭ އިން ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރާއްޖެ ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ ބުރަ މަސައްކަތްތަކުގައި ދެމިތިބި މީހުން މިބައްޔަށް ހުށަހެޅިފައިވުމަކީ ވަރަށް ކައިރީގައި އޮތްކަމެއްކަމަށާއި އެހެންކަމުން، މިފަދަ ފަރާތްތަކަކުން މިބައްޔަށް ހުށަހެޅިފައިވާކަން ދެނެގަތުމަށް ބޭނުންވެ، ކޯވިޑް-19 އެންޓިބޮޑީ ޓެސްޓް ހަދައިދިނުމަށް އެދެމުންދާކަމަށެވެ.
އޭޑީކޭ އިން ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ މިހާލަތުގައި ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، އެމީހުންގެ ގޭބިސީގެ މީހުންނާއި އަދި ޑެލިވަރީ ޚިދުމަތުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ކޯވިޑް-19 އެންޓިބޮޑީ ޓެސްޓް ހިލޭ ހަދައިދިނުމުގެ ޙަރަކާތެއް ހިންގުމަށް އެހޮސްޕިޓަލުން ނިންމައިފައިވާކަމަށެވެ.
އެގޮތުގެ މަތިން އޭޑީކޭ އިން 3000 އެންޓިބޮޑީ ޓެސްޓު ހަދައިދިނުމަށް ނިންމާފައިވާއިރު، މިޓެސްތައް ކުރާނީ ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒަރ ބޭނުންކޮށްގެންކަމުގައި އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
އޭޑީކޭއިން ވިދާޅުވެފައިވަނީ ކޯވިޑް-19 އެންޓިބޮޑީ ޓެސްޓު ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުސޫލުތައް ކަނޑައަޅާ، އެކަމަށް އެކުލަވާލާ ތާވަލެއްގެ ދަށުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަންނަ ހަފްތާތެރޭގައި ޓެސްޓު ކުރަން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.
އޭޑިކޭ އިން ވަނީ ކޯވިޑް-19 އިން ދިވެހިރާއްޖެ ރައްކާތެރިކުރުމަށް ޓަކައި ކުރެވޭ ބުރަ މަސައްކަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ އެތައް ބަޔެއްގެ މިންނަތް މަސައްކަތް ފާހަގަކޮށް އެކަމަށްޓަކައި އެފަރާތްތަކަށް ޙައްޤު ޝުކުރާ ސާބަސް ދަންނަވާފައެވެ.



