އދއާއި އެކު ދިވެހިރާއްޖެއިން 28.3 މިލިއަން ރުފިޔާގެ 2 ޕްރޮޖެކްޓްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އެވެ.
މިއަދު ސޮއި ކުރައްވާފައިވާ ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ޚަރަދުކުރާ ޕްރޮޖެކްޓެކެވެ. މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވަރކް އެއް އޮޕަރޭޝަނަލައިޒް ކުރުމަށް 2 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެކަމަށް ޕޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ މޫސުމީ ބަދަލުތަކާއި، އިޖްތިމާޢީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެއްކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު އެހީއެއްކަމަށެވެ.
މިއަދު ސޮއިކުރެވުނު ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އދ އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނަރ ޓްރަސްޓް ފަންޑުންނެވެ. ކުރިއަށް އޮތް 5 މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި އދގެ ފަރާތުން ފޯރުކޮށްދިން މި އެހީތެރިކަމަށް އެޖަމާޢަތަށް ޝުކުރު އަދާކުރައްވާފައެވެ.