ކޮވިޑް-19 އާއި ގުޅިގެން އައި ލޮކްޑައުން ވެގެން ދިޔައީ ސަރުކާރުގެ ވެރިންނަށް އިސްރާފުބޮޑެ ޢީދަކަށް ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށުދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު، އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެނެވެ. އެގޮތުން ސަޢީދު ވިދާޅުވެފައިވަނީ ދީނަށް ފުރައްސާރަ ކުރުމާއި، ރޭޕް އަދި ބަނގުރަލުގެ މައްސަލަތައް ބެލުމުގެ ޝަޢުޤުވެރިކަން ސަރުކާރުގެ ހުރިނަމަ ނިންމުންތައް އަވަސް ވާނެކަމަށެވެ.
ޢަލީ ވަހީދުގެ މި މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން ޢަލީ ވަހީދު ވަކި ކުރައްވާފައެވެ.
ޢަލީ ވަހީދުގެ ފަރާތުން ކޮވިޑް-19 ލޮކްޑައުންގައި އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ޝަކުވާ އެފަރާތްތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްސާކުރައްވާފައެވެ.
މި މައްސަލައާއި ގުޅިގެން މެންބަރު ސަޢީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްވެރިންނަށް ކޮވިޑް-19 ގެ ލޮކްޑައުން ވެގެން ދިޔައީ އިސްރާފު ބޮޑު ޢީދަކަށް ކަމަށެވެ.



