ދިވެހިރާއްޖޭގައި ކުރާނެކަންކަން ނިންމާނީ ބޭރު ޤައުމަކުން ނޫން ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ހަނިމާދޫ އިންްޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެތަން ވާނީ އުތުރުގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ އިންޖީނަކަށް ކަމުގައި އިންޑިއާ އިން ވިދާޅުވުމާއި ގުޅިގެން ސަޢީދު ވިދާޅުވީ ރާއްޖޭގައި ކުރާނެ ނުކުރާނެ މަސައްކަތްތަކާއި ކަންކަން ނިންމުމުގެ ބާރަކީ ދިވެހި ރައްޔިތުންގެ އަމިއްލަ ޙައްގެއްކަމަށެވެ.
"އެކަން ނިންމާނީ ބޭރު ޤައުމަކުން ނޫން" ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން އަންނަ ސައީދު ވިދާޅުވެފައިވެއެވެ.
މި ދަރަޖައަށް ސަރުކާރު ވެއްޓުމަށްވުރެ ވަކީން ބޮޑު ނުރައްކަލަކާއި، ނިކަމެތި ކަމެއްއަންނާނެތޯ ސައީދު ވަނީ ސުވާލު އުފައްދަވާފައެވެ.
ހަނިމާދޫ އެއަރޕޯޓް ބޮޑުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫއެއް ކުރިޔަށް ގެންދިއުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އެ މަސައްކަތަށް ބޭނުންވާ ސާރވޭ ހެދުމުގެ މަސައްކަތް މިހާރު ވަނީ ކޮށްފައެވެ. މި މަސައްކަތް ކޮށްފައި ވަނީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ޓީމަކުންނެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި ކަމާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 2200 މީޓަރުގެ ރަންވޭއަކާ އެކު ކަމަށެވެ. މީގެ އިތުރުން ޕެސެންޖާ ޓާމިނަލްތަކާއި ކާގޯ ޓާމިނަލްތަކުގެ އިތުރުން ފިއުލް ފާމް އަދި ފަޔަރ ސްޓޭޝަންތައްވެސް ތަރައްގީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކޮށް ނިމުމުން އޭ 320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެއެވެ.




