ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު (ފިއްޓޭ) ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތައް އެބޭފުޅާ ދޮގުކުރައްވައިފިއެވެ.
"ފެށުން" އޮންލައިންގެ ފަރާތުންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިއްޓޭ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ދެކެވެމުންދާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. ނަމަވެސް އާއިލާގެ މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ފިއްޓޭ އިތުރަށް ވިދާޅުވީ، އާއިލާ މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވީ ނަމަވެސް އެފަރާތާއި ފިއްޓޭ އާއި ކޮންޓެކްޓްނުވާ ކަމަށެވެ. އެހެންނަމަވެސް މީސްމީޑީއާގައި އެބޭފުޅާ ޕޮޒިޓިވްވި ކަމަށް އަޑު ފެތުރިފައިވުމުގެ ސަބަބުން މިރޭ ފިއްޓޭވެސް ސާމްޕަލް ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ފިއްޓޭ އިތުރަށް ވިދާޅުވީ، އެބޭފުޅާ މާލޭގައި ދިރިއުޅުއްވާތާ ތިން ދުވަސްވެއްޖެ ކަމަށާއި އާއިލާ އާއި ކޮވިޑަށް ޕޮޒިޓިވްވި އާއިލާ މެމްބަރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ ހުޅުމާލޭގައި ކަމަށެވެ.
"މީސްމީޑިއާގައި މިކަން ފެންމަތިވީމާ، މިރޭ އަޅުގަނޑުވާނީ އިރު އޮއްސުނުފަހުން ޓެސްޓްވެސް ހަދާފައި، ނަތީޖާ ލިބުނީމަތާ ޕޮޒިޓިވްވި ކަމެއް އިނގޭނީ" ފިއްޓޭ ވިދާޅުވިއެވެ.



