ފިލިޕީންސުގެ އެންމެ މަގުބޫލު ބުރޯޑްކާސްޓާރ އަށް ލައިސެންސް އާނުކޮށްދޭން ނިންމައިފި

ފިލިޕީންސުގެ އެންމެ މަގުބޫލު އެއް ބުރޯޑްކާސްޓާރ ކަމަށްވާ އޭބީއެސް-ސީއެންބީގެ ބުރޯޑްކާސްޓް ކުރުމުގެ ލައިސެންސް އާނުކޮށްދޭން އެގައުމުގެ ޕާލަމެންޓުން ނިންމައިފިއެވެ.

މި ނިންމުން ނިންމައިފައިވަނީ އެ ބުރޯޑްކާސްޓިން ކުންފުނީގެ ބުރީޑްކާސްޓްކުރުމަށް ދީފައިވާ ހުއްދަ މިދިޔަ މެއިމަހުގެ ހަތަރުވަނަ ދުވަހު ހަމަވުމާއި ގުޅިގެން މި ހުއްދަ އިތުރު 25 އަހަރަށް އާކޮށްދިނުމަށް އެދިފައި ވަނިކޮށް ޕާލަމެންޓުން މިކަމަށް އެކުލަވާލި ކޮމެޓީގެ ބޮޑު އަގުލަބިއްޔަތުންނެވެ.

އޭބީއެސް-ސީއެންބީގެ ބުރޯޑްކާސްޓިން ލައިސެންސް އާކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ޕާލަމެންޓުގެ ކޮމެޓީ ބައްދަލުވުން ހިނގަމުން ދިޔަ ވަގުތު ގިނަ ބަޔަކުވަނީ ޕާލަމެންޓުދަށަށް އެއްވެ މީޑިއާގެ މިނިވަންކަމަށް ގޮވާލައި އިހުތިޖާޖު ކޮށްފައެވެ.

ފިލިޕީންސުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭބީއެސް-ސީއެންބީގެ ބުރޯޑްކާސްޓިން ލައިސެންސް އާ ނުކޮށްދިނުމަށް ޕާލަމެންޓުން ނިންމައިފައިވަނީ ފިލިޕީންސުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ އަށް އެ ބުރޯޑްކާސްޓިން ކުންފުނީގެ ޗެނަލްތަކުން ފާޑުކިޔާ މައްސަލައިގައެވެ. މި ކުންފުނިން 2016 ވަނަ އަހަރުވަނީ ރައީސް ރޮޑްރީގޯ ޑުޓާޓޭގެ ކެމްޕެއިން އިސްތިހާރުތައް ގެނެސްދިނުމަށްވެސް ދެކޮޅު ހަދާފައެވެ.

ފިލިޕީންސް ޕާލަމެންޓުގެ މި ނިންމުމާއި ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ ޑެޕިއުޓީ އޭޝިއާ ޑައިރެކްޓަރ ފިލް ރޮބާރޓްސަން ބުނެފައިވަނީ، މިއަދަކީ ފިލިޕީންސުގެ މީޑިއާގެ މިނިވަންކަމަށް ކަޅު ދުވަހެއްގެ ގޮތުގައެވެ.

އޭބީއެސް-ސީއެންބީއަކީ 1953 ވަނަ އަހަރު އުފެދިފައިވާ ބުރޯޑްކާސްޓިން ކުންފުންޏެކެވެ. މިކުންފުނީގެ ބެލުމުގެ ދަށުން ރޭޑިއޯ ޗެނަލްތަކާ، ޓީވީ ޗެނަލްތަކާ، އަދި އޮންލައިން ނޫސްތައް ހިނގައެވެ. އަދި މި ކުންފުނީގައި 11،000 މުވައްޒަފުން ވަޒީފާ އަދާކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ