މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށުން ކުރިއަށް ގެންދިޔަ ހއ. ކެލާ ބަނދަރު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢު ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށ،ް 30 މީޓަރުގެ ބޭރު ތޮއްޓަކާއި 220 މީޓަރުގެ ސަރަހައްދުގައި ރިވެޓްމެންޓް ޖަހައިފައިވެއެވެ. އަދި ބަނދަރާއި އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމެންޓް ހަދައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢު ގެ ދަށުން ކުރިއަށް ގެންގޮސްފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕޮލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ މި މަޝްރޫޢުގެ އެއްބަސްވުމުގައި މިކުންފުނީގެ ފަރާތުން ސޮއިކުރެވިފައިވަނީ 30 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ. އަދި ނިންމައިފައިވަނީ 9 ޖުލައި 2020 ގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ޙަސަން ޝާހް އެވެ.
ރާއްޖޭގައި މިހާރު އެމްޓީސީސީ ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅު ގެ ހޯރަފުށި، އިހަވަންދޫ، ކެލާ، ހަނިމާދޫ އަދި ނެއްލައިދޫގައި މި ކުންފުނީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް އެބަދެއެވެ.



