އަޑީ ދައުލަތަކީ ކޮބާތޯ ބަލަން ކާށިދޫ ދާއިރާގެ މަޖިލީސް މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ޤަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ޖާބިރު މިއަދު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ 20 މެންބަރުންނަށް "އަޑީ ދަޢުލަތުން" ދަނީ ލާދީނީ ފިކުރުގެ ބައެއްކަމުގެ އިލްޒާމު އަޅުވައި މަރުގެ އިންޒާރުދެމުންކަމަށާއި، މި މައްސަލަ ހައްލުކުރުމަށްޓަކައި "އަޑީ ދައުލަތަކީ" ކޮބައިކަން ދެނެގަނެ، އެ ދައުލަތުގެ އެޖެންޑާ އާއި އެ ދައުލަތުގައި އިސްވެ ހަރަކާތްތެރިވަނީ ކޮން ބައެއްތޯ ބެލުމަށް މިޤަރާރު ހުށަހަޅާކަމަށެވެ.
ޙުދު ޖާބިރުއަށްވެސް މި އަޑީ ދަޢުލަތުގެ ފަރާތުން މަރުގެ އިންޒާރު ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޢިއްޒަތްތެރި މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތެއްގައި ޤަތުލުކުރުމުގެ ހިތާމަ ދިވެހި ރައްޔިތުން އަދިވެސް ތަޙައްމަލުކުރަމުން ގެންދާކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓައި ދިވެހި ދައުލަތް ނޫން އެހެން ދައުލަތެއް މި ރާއްޖޭގައި އޮތުމަކީ ޤާނޫނު އަސާސީގެ އަސްލާއި ޙިލާފުވާ ކަމަކަށް ވާތީ، ރައްޔިތުން ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މާތް ﷲ ޤަންދީ ކޮށްގެން ތިބެ، އަޅުގަނޑުމެން ކޮންމެ މެންބަރެއްގެވެސް ޒިންމާއަކަށް ވާހިނދު، މިހާރުން މިހާރަށް މި މައްސަލަ ހައްލުކުރުމަށް ޖެހިފައިވާކަމަށެވެ.
އަދި ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުޤީޤީ ރިޕޯޓުތަކުންވެސް "އަޑީ ދަޢުލަތު" ގެ ބިރުވެރިކަން ވަޒަންކުރެވިފައިވާކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.




