މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) އަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ޕާޓީން ވަކިކޮށްފިއެވެ.
ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރަމުންދާ، ޖާބިރު އެ ޕާޓީން ވަކިކޮށްފައިވާކަން އެ ޕާޓީން އިއުލާންކުރީ މިރޭ ނެރުނު ނޫސްބަޔާނަކުންނެވެ.
މި ނޫސްބަޔާނުގައި ބުނެފައި ވަނީ، ޖާބިރު އެ ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމައިފައިވާ ކަމަށެވެ.
ޖާބިރު ޕާޓީން ވަކިކުރަން ނިންމާފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ޖާބިރު، އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ޖާބިރުއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްވެސް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފައެވެ.
"މި ކަމަކީ މި ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ މިޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ވަނީ ނިންމާފައި" އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުގައި ޖާބިރު އެ ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ މި ޕާޓީގެ ގައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންނެވެ. އަދި އެ ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން ފަސް އަހަރުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާ ކަަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.



