ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފިއެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، މިފްކޯގެ ބޮޑު ގެއްލުން ކެނޑުމުން އެސްޓީއޯ މުޅި ގްރޫޕްގެ ފައިދާ ހުރީ 30 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާއެވެ.
ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުނީގެ ޕާފޯމެންސް ރިޕޯޓު ހުށަހަޅައިފަ އެވެ. އަދި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް ފާސްކޮށްފައިވެއެވެ.

މި އަހަރަށް އައްޔަނުކުރާ އެ ކުންފުނީގެ އޮޑިޓަރުން ހޮވައި، އުޖޫރަ ކަނޑައަޅާފައިވާއިވެއެވެ. ކުންފުނީގެ އޮޑިޓަރަކަށް ކޭޕީއެމްޖީ ކަނޑައެޅީ 49،820 ޑޮލަރުގެ އުޖޫރައަކަށެވެ.
އެސްޓީއޯ ހިއްސާ:
- ޖުމްލަ 4045 ހިއްސާދާރުން އެބަތިބި
- 18.3 ޕަސެންޓަކީ އާންމު ހިއްސާދާރުން
- އެސްޓީއޯގެ 83.6 ޕަސެންޓު ހިއްސާވަނީ ސަރުކާރުން
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58ރ ބަހަން ނިންމިއިރު، ކުރިން އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައިވަނީ 55ރ. އެވެ.