އޭޖީ އޮފީސް ހުންނަ ވެލާނާ ބިލްޑިންގ - ފޮޓޯ: ރާއްޖެއެމްވީ

ވެރިންގެ ނުފޫޒާއި ބިރަށް ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ

ޓޫރިޒަމް މިނިސްޓްރީގެ ވެރިންގެ ނުފޫޒާއި ބިރަށް އެމިނިސްޓްރީގެ އަންހެން މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިވެފައިވަނީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މުވައްޒަފެކެވެ. އަދި އެމުވައްޒަފު ވަޒީފާއިން ވަކިވުމަށް އެދި، ފޮނުވި ސިޓީގެ ކޮޕީއެއް މިނޫހަށް ވަނީ ލިބިފައިވެއެވެ.

އެސީޓިގައި ބުނެފައިވަނީ، ސިވިލް ސަރވިސް މަޤާމުގައި ހުރި މުވައްޒަފެއްގެ ހައިސިއްޔަތުން ދުވަހަކުވެސް އަޚްލާގީ ނުވަތަ އެނޫންވެސް މައްސަލައެއްގައި އޭނާއާއި މެދު ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށާއި އަދި، މިދިޔަ އަހަރު އޮފީހުގެ އަހަރީދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި 3 މުވައްޒަފަކަށް ސްކޮލާރޝިޕް ދެއްވާފައިވާއިރު، ސްކޮލާޝިޕްގައި އެންމެ މަތިން މާރކްސް ހޯދުމަށްފަހު މިއަހަރު ރާއްޖޭން ބޭރަށް ކިޔަވަން ދިއުމަށް ތައްޔާރުވަމުން ދިޔަކަމަށެވެ.

މީގެ އިތުރުން، ކޯވިޑް-19 އާއި ގުޅިގެން ކިޔަވަން ދިއުމާއި ހަމައަށް ބިއުރޯގެ މަސައްކަތްތައް ކުރަމުންދާކަމާއި ކޯވިޑް-19 ގެ ބަލިމަޑުކަމުގައި މިނިސްޓްރީއިން މަސައްކަތްކުރުމަށް އެކުލަވާލި ޓާސްކްފޯސްގައި ފެށުނީސްސުރެ މެދުކެނޑުމެއްނެތި އެމަސައްކަތުގައި ވޮލެންޓިއަރ ކޮށްދީފައިވާނެ ކަމަށެވެ. އަދި ޓާސްކްފޯސްގެ މަސައްކަތްކުރި ދުވަސްވަރުގައި މިނިސްޓްރީގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި ބައެއް މުވައްޒަފުންނާއި އެފަރާތްތަކަށް ވާގިވެރިވާ ބައެއް ސިވިލް ސަރވިސް މުވައްޒަފުންގެ ފަރާތުން މެދުކެނޑުމެއްނެތި ސީދާގޮތުންނާއި ނުސީދާގޮތުން ކުރަމުން ދިޔަ ފުރައްސާރައިން ސަލާމަތް ކުރުމަށް ބިއުރޯގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ޙައްސާން އެޙީތެރިވެ ދެއްވާފައިވާ ކަމަށްވެސް އެސީޓީގައި ބުނެފައިވެއެވެ. މީގެ އިތުރުން، އެކި މަސައްކަތްތަކުގައި އިސްވެ ދެންނެވުނު ފަރާތްތަކުން އޭނާއަށް ނަފްސާނީގޮތުން ކުރަމުންދިޔަ އަނިޔާތަކުގެ ޝަކުވާ އޭރު މިނިސްޓަރ ކަމުގައި ހުންނެވި އަލީ ވަހީދައް ހިއްސާކުރުމުން، މިނިސްޓަރު އެކިފަހަރުމަތިން އެފަރާތްތަކަށް ނަސޭހަތްދެއްވާ އެފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާފައި ވާކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ.

އެސިޓީގައި އިތުރަށް ބުނެފައިވަނީ، މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވާފައިވަނިކޮށް، ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންގގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެންނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަ ދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

"ވަޒީފާގެ މާހައުލުގައި މަތީގައި ދެންނެވުނު މައްސަލަތަކާ އަޅުގަނޑު ކުރިމަތިލާ، ހުއްޓުމެއްނެތި މަސައްކަތުގައި އުޅުނު ނަމަވެސް ޖުލައި09 ،2020 ވީ ބުރާސްފަތި ދުވަހު އަޅުގަނޑާއިމެދު އޮފީހުގެ އިސްވެރިންނާއި ސިޔާސީ މުވައްޒަފުން އަމަލުކޮށްފައިވާ ގޮތުން އިތުރަށް މި ވަޒީފައިގައި ހުންނަން ބޭނުން ނުވާކަމުގައި ދަންނަވަމެވެ. އެގޮތުން، މިނިސްޓަރގެ މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނިކޮށް، ބުރާސްފަރި ދުވަހު މިނިސްޓްރީގައި ބޭއްވުނު ސްޓާފް މީޓިންގ ގައި ސަރުކާރުގެ ވުޒާރާއެއްގައި މުހާތަބު ކޮށްގެންނުވާނެ ފަދަ ބޭއަދަބީ ބަހުން ބައެއް ފަރާތްތަކުން ވާހަކަދައްކާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭގޮތަށް ޢަމަލުކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ ދުވަސްވަރު މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުން ބައެއް މުވައްޒަފުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަމާއި ކޮންމެ މުވައްޒަފެއްގެ ހައްޤު ހޯދައިދީ އެޙީތެރިވެ ދެއްވާނޭކަމަށް ބުނި ނަމަވެސް، އެހެންމުވައްޒަފުންނާ ބައްދަލުކޮށް އެޙީތެރިކަން ފޯރުކޮށްދީފައިވާއިރު، އަޅުގަނޑަށް އެފުރުޞަތު ނުދީ މަސައްކަތުން ބޭރުގައި އެއްވެސް މުވައްޒަފަކާއި ވާހަކަ ދެއްކުން މަނާކޮށް އޮފީސްތެރޭގައި ހިނގުން މަނާކޮށް ހަމަ އެކަނި ޑެސްކްގައި އިނުމަށް އޮފީހުގެ އިސްވެރިއެއް އަޅުގަނޑަށް އަންގަވާ މުޅި ދުވަހު މަސައްކަތުގެ މާހައުލުގައި އެކަހެރިކޮށްފާވާކަން ހިތާމައާއި އެކު ދަންނަވަމެވެ." އެސިޓީގައި ބުނެފައި ވެއެވެ.

ސިޔާސީ އޮއެވަރެއްގައި ވަކި މަޤްސަދެއް ހާސިލްކުރުމަށް މިނިސްޓްރީގައި ތިއްބެވި ގިނަ ސިޔާސީ މުވައްޒަފުންގެ ފަރާތުން ލިބެމުންދިޔަ ފުރައްސާރައާއި އަނިޔާގެ ޝިކާރާއަކަށްވެފައި، އިންސާފު ނުލިބި އަބުރަށް އުނިކަން ލިބޭފަދަ ތަފާތު ވާހަކަ ދެކެވި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބައެއް މުވައްޒަފުންގެ ނުފޫޒުގެ ސަބަބުން ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާގެ ބިރަށް އެފަރާތްތަކަށް އެއްބާރުލުން ދެއްވިކަމުގައި ވީނަމަވެސް ޖެހިލުމެއްނެތި މިނިސްޓްރީގައި ކަންކަން ހިނގާފައިވާ ގޮތުގެ ހަޤީގަތް ޙާމަކޮށް ދިނުމުގައި އެންމެ މީހެއްގެ ގޮތުގައި ހުންނަން ޖެހުނަސް، އެކަންކުރާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"ވީމާ، އިސްވެ ދެންނެވުނުފަދައިން މަސައްކަތުގެ މާޙައުލުގައި އަޅުގަނޑާއި މެދު ޢަމަލުކޮށްފައިވާ ގޮތުން މަސައްކަތުގެ މާޙައުލަކީ އަޅުގަނޑަށް އަމާން އަދި ރައްކައުތެރި ތަނެއްގެ ގޮތުގައި ޤަބޫލް ނުކުރެވޭތީ، މިއަދުން ފެށިގެން ވަޒީފައިން ވަކިވި ވާހަކަ ދެންނެވީމެވެ." އޭނާ ސިޓީ ނިންމާލަމުން ބުނެފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ