ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ހެނދުނު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ސީއެސްސީ ރައީސް ޝަމީމް، ނައިބު ރައީސް ޝަހީދު މުހައްމަދާއި އަދި އިތުރު ދެ މެމްބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރެޕޯޓް އެޖެންޑާ ކޮށްފައެވެ. އެހެންކަމުން ކޮމެޓީ ރިޕޯޓަށް ވޯޓު ނެގުމުގައި ރައީސް ޝަމީމް ހިމަނަން ނުޖެހޭނެ ކަަމަށް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރި ނަންތަކަކީ ޝަމީމްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.




