ބަންގްލަދޭޝްގައި ކިޔަވަން ހުއްޓައި 2017 ވަނަ އަހަރު މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ ތަޙްޤީޤުގައި ބަންގްލަދޭޝްގެ ފުލުހުން މިހާތަނަށް ހޯދާފައިވާ ހުރިހާ މައުލޫމާތެއް ދިވެހި ސަރުކާރަށް ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން އެދިއްޖެއެވެ.
ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، 2017 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.
ފުލުހުންގެ ތަހުގީގީ ނަތީޖާތަކާމެދު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ދެކޮޅު ހަދަ އެވެ. އަދި އޭނާ ވަނީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެފައެވެ.
ބަންގްލަދޭޝް ފުލުހުންގެ ތަޙްޤީޤުތަކާއި ބެހޭ ބިއުރޯގެ ޗީފް އަދި ޑެޕިއުޓީ އިނިސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ބަނާޖް ކުމާރު ބަންގްލަދޭޝްގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދިވެހިރާއްޖޭގެ އެމްބަސީގެ ސިޓީގައި ހިމަނާފައި ހުރި މައުލޫމާތު ވަރަށް އަވަހަށް ދިވެހި ސަރުކާރަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދިވެހި ސަރުކާރުން މިހާދުވަހަށްފަހު ރައުދާ މަރުގެ މައުލޫމާތު ހޯދަނީ ކީއްވެގެންކަން އަދި ސަފުވާގޮތެއް ނުވެއެވެ.