އެމެރިކާގެ ސެންޓަރަލް އިންޓަލިޖެންސް އެޖެންސީ (ސީއައިއޭ) އަށް އީރާނުގެ މިސައިލް ތަކާއިބެހޭ މައުލޫމާތު ވިއްކިކަމުގެ ކުށް ސާބިތުވެގެން ޑިފެންސް މިނިސްޓުރީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް އީރާނުން މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.
އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނެއް ކަމަށްވާ ގޮލާމް ހުސައިން އިސްމާއިލް ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސީއައިއޭ އަށް އީރާނުގެ މިސައިލް ތަކާއިބެހޭ މައުލޫމާތު ވިއްކިކަމުގެ ކުށް ސާބިތުވެގެން މަރުގެ ހުކުމް ތަންފީޒު ކޮށްފައިވަނީ ރީޒާ އަޒްގަރީ ނަމަކަށްކިޔާ ޑިފެންސް މިނިސްޓުރީގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ކަމަށެވެ.
އިސްމާއިލް އިތުރަށް ބުނެފައިވަނީ، މަރުގެ ހުކުމް ތަންފީޒު ކުރެވުނު ރީޒާ އަޒްގަރީ މަސައްކަތްކޮށްފައިވަނީ ޑިފެންސް މިނިސްޓުރީގެ އައިރޯސުޕޭސް ޑިވިޝަނުގައި ކަމަށެވެ. އަދި ރީޒާ އަޒްގަރީ ސީއައިއޭއަށް ޖާސޫސް ކޮށްދީފައިވަނީ މަގާމުން އިސްތިއުފާ ދިނުމަށްފަހު 2016 ވަނަ އަހަރު ކަމަށެވެ.
ސީއައިއޭއަށް ޖާސޫސް ކުރުމުގެ ކުށުގައި ރީޒާ އަޒްގަރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަން އީރާނުގެ ސަރުކާރުން ބުނެފައި ވީނަމަވެސް ރީޒާ އަޒްގަރީ ހައްޔަރު ކޮށްފައިވަނީ ކޮންއިރަކުކަމާއި، ޝަރީއަތް ކުރިއަށްދިއައީ ކޮން އިރަކު ކަމާއި، އަދި މަރުގެ ހުކުމް ތަންފީޒުކުރި ދުވަހެއް ބުނެފައެއް ނުވެއެވެ.
މިދިޔައަހަރުގެ ޖުލައިމަހު އީރާނުގެ އިންޓެލިޖެންސް މިނިސްޓުރީއިން ބުނެފައިވަނީ ސީއައިއޭއަށް ޖާސޫސް ކުރުމަށްޓަކައި އީރާނުގެ ނިއުކުލިއަރ ޕުރަގުރާމާއި، އަދި އަސްކަރީ ޕުރަގުރާމުތަކުގެ މައުލޫމާތު ހޯދި17 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން ބަޔެއް މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައިވާ ކަމަށްވެސް އިންޓެލިޖެންސް މިނިސްޓުރީއިން މައުލޫމާތު ދެއެވެ. ނަމަވެސް މިއީ ކޮންބަޔެއްކަން ހާމަކޮށްފައެއް ނުވެއެވެ.
އީރާނުގެ އިންޓެލިޖެންސް މިނިސްޓުރީއިން މިކަން ހާމަކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕްވަނީ މިވާހަކަތަކަކީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.




