ރާއްޖޭގެ އުތުރުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު ހެނދުނު08:15 އިން މެންދުރު12:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މިރޭ08:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
"ދެކުނުގެ އަތޮޅުތަކަށް، އިރާއި އިރުދެކުނުން އެހެން ހިސާބުަތަކަށް ހުޅަނގުއުތުރާއި އުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.




