ސްރީ ލަންކާގައި ހައްޔަރު ކޮށްފައި ތިބި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް މިއަދު އިތުރުކޮށްފި އެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކުރިން ވެސްވަނީ އިތުރުކޮށްފައެވެ. މިއަދު އެ މީހުންގެ ބަންދަށް ލަންކާ ކޯޓުން އިތުރުކުރީ ތިން ދުވަހެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ދެން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
އަވައްޓެރި ލަންކާގައި 21 އޭޕްރިލް ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ދެ ދިވެއްސަކު އެ ގައުމުން ހައްޔަރުކުރީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުނު ކަމަށް ބުނެ އެވެ. އެ މައްސަލާގައި ހައްޔަރުކުރީ އެމްޑީޕީގެ ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.
އެގެއިން ފެނުނު އައިއެސްއާ ގުޅުން ހުރި ކަމަށް ބުނާ އެފޮތަކީ އެގޭގައި އުޅުނު އެހެން މީހަކު ގެންގުޅުނު ފޮތެއް ކަމަށްވެ އެވެ. އެފޮތާ އެދެދިވެހިންނާ ގުޅުމެއް ނެތްކަމަށް މަޢުލޫމާތު ލިބެއެވެ. އެ ދެ މީހުން ހައްޔަރުކުރީ ލަންކާއަށް ދިޔަތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.