އަދީބުގެ ޝަރީޢަތް ހިންގި ޤާޟީގެ މައްސަލަ ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދު ކްރިމިނަލް ކޯޓުގެ ނަންބަރު 2019/Cr-C/636 ޤާޟިއްޔާ އާއި ނަންބަރު 2010/Cr-C/637 ޤަޟިއްޔާ އާއި ނަންބަރު 2019/Cr-C/638 ޤަޟިއްޔާ އާއި ނަންބަރު 2010/Cr-C/639 ޤަޟިއްޔާ އާއި ނަންބަރު 2019/Cr-C/640 ޤަޟިއްޔާ އާއި ނަންބަރު 2010/Cr-C/641 ޤަޟިއްޔާ އާއި ނަންބަރު 2019/Cr-C/642 ޤަޟިއްޔާއިން ބެލި މައްސަލައިގައި، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ބަލަން ނިންމާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނަންބަރު 2019/Cr-C/636 އަދި ނަންބަރު 2019/Cr-C/637 ޤާޟިއްޔާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަދީބުގެ މައްޗަށް ކުރި ޚިޔާނަތްތެރިވުމުގައި ބައިވެރިވުމުގެ ދަޢުވާގެ ޤަޟިއްޔާއެވެ.
2019/Cr-C/638 އަދި 2010/Cr-C/641 ޤަޟިއްޔާއަކީ އަދީބުގެ މައްޗަށްކޮށްފައިވާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޒާއިޒު ފައިދާ ހޯދާ ދިނުމުގެ ދަޢުވާއެވެ. 2010/Cr-C/639 ޤަޟިއްޔާއަކީ އަދީބުގެ މައްޗަށްކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާއެވެ. އަދި 2019/Cr-C/640 ޤަޟިއްޔާ އާއި 2019/Cr-C/642 ޤަޟިއްޔާއަކީ އަދީބުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާއެވެ.
އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ހުކުމް ކޮށްފައިވަނީ އިއްޔެއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
ދައުވާތައް ބާޠިލްކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާތައް އުފުލުމުގައި އަމަލުކޮށްފައިވާ އިޖުރާއަތުތައް ރަނގަޅު ނޫންކަމަށް ނިންމުމަށްފަހުއެވެ.
އެހެންކަމުން އަދީބުގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. އަދި އަދީބު މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގައެވެ.




