ބޮޑުފިނޮޅު މައްސަލަ ބެލި މެޖިސްޓްރޭޓް ގޮވައިގެން ޖޭއެސްސީއަށް

ބިދޭސީންނަށް މުސާރަދިނުން ލަސްވުމާއި ގުޅިގެން މުޒާހަރާކުރި ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ "ރިޒް ޕްރައިވެޓް ލިމިޓެޑުން" ހަވާލުވެ، އެ ބިދޭސީން ބޮޑުފިނޮޅުން ބޭލުމަށް ބ.ތުޅާދޫ ކޯޓުން އަމުރުކުރި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނ،ީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ވަގުތީ އަމުރަކީ ޤާނޫނީ އިމުން ބޭރުން ނެރެފައިވާ އަމުރެއް ކަމަށްބުނެ، އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލޯކްރާފްޓް ލޯފާމުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މި މައްސަލަ ބެލި މެޖިސްޓްރޭޓުގެ ޢަމަލުތައް ހުރިގޮތުން، ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ލަޠީފްގެ ސުލޫކީ މައްސަލައެއް 15 ޖުލައި 2020 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މީގެ ކުރީގައި މި މައްސަލައިގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ސީލް މޯލްޑިވްސްގެ ފަރާތުން، މެޖިސްޓްރޭޓް ޢަމަލުކުރަންޖެހޭ ގޮތް ކިޔާދެމުން ގޮސްފައިވާތީއާއި، ޖަވާބުދާރީވުމަށް ފުރުޞަތުދޭން ނުޖެހޭކަމަށް ސީލް މޯލްޑިވްސްއިން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، އާއި ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާ ރަށެއްގައި ތިބީ ކޮން ބައެއްކަން ކަށަވަރުނުކޮށް ބަޔަކު ބޭލުމަށް އަމުރު ކުރުމާއި، ޖިނާއީ ތަޙްޤީޤަށް ހުރަސްއެޅޭ ގޮތަށް އަމުރެއް ނެރުމާއި، މިކަމުގައި ފޮރުވިފައިވާ ސަބަބުތަކެއް ހުރުމާއި، ބިދޭސީންނަށް ހަމަލާދިނުމަށް ގޭންގަށް ނިސްބަތްވާ 100 އެއްހާ މީހުން ތުޅާދޫއިން ބޮޑު ފިނޮޅަށް ދިޔަކަމަށް އެރަށުގައި ތިބި ދިވެހިންނާއި ބިދޭސީންގެ ފަރާތުން ތުޙުމަތުކުރަމުންދާ ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން ވަކި ބަޔަކަށް މަންފާވާގޮތަށް ޤާނޫނާ ޚިލާފަށް މަޤާމުގެ ނުފޫޒު ބޭނުންކޮށް އަމުރެއް ނެރުމަކީ ފަނޑިޔާރުގެ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއްގޮތުގައި ޤަބޫލުކުރެވޭ ކަމަށެވެ.

(އިތުރު ތަފްސީލު އަންނަނީ)

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ