ފުރަބަންދުގެ ހާލަތުގައި މާލޭ މަގުމަތި | ފޮޓޯ: މިހާރު

ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އާންމުކޮށްފި

އާއްމު ޚިދުމަތްތަކާއި ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތަކަށް މާލެ އިން ރަށްރަށަށްދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިން ނެރުނު އުސޫލުގައިވާ ގޮތުން މައިގަނޑު 7 ދާއިރާއަކުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ކޯވިޑް ފެތުރިފައިވާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރެވިދާނެއެވެ. އެހެންނަމަވެސް އެގޮތަށް ދަތުރުކުރެވޭނީ ހުއްދަ ހޯދައިގެންކަމަށާއި އެކަމުގެ މަޢުލޫމާތުވެސް ރަށު ކައުންސިލަށް އަންގަންޖެހޭނެކަމަށް އެޗްޕީއޭއިން އެކުލަވާލި އުޞޫލްގައިވެއެވެ.

ހުއްދަ ދިނުމަށް ނިންމާފައިވާ ދާއިރާތައް:
- ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް.
- ބޭންކްގެ ހިދުމަތްތައް.
- ވޯޓަރ ސަޕްލައި، ކަރަންޓު ފަދަ ޔުޓިލިޓީ ޚިދުމަތްތައް.
- ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ޚިދުމަތްތައް.
- މެއިންޓަނެންސް މަސައްކަތްތައް.
- ސަރުކާރާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތައް.
-މި ނޫނަސް އާއްމު ޚިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތްތައް.

ހުއްދަ ހޯދުމުގައި ޢަމަލުކުރާނެ ގޮތް:
ހުއްދަ ހޯދުމަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ދަތުރުކުރުމަށް އެދޭ މުއައްސަސާގެ ފަރާތުން [email protected] އަށް އީމެއިލް ކުރާށެވެ. އަދި [email protected] މެއިލްއަށް ކޮޕީ ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
(ހ) މުއައްސަސާގެ ނަން
(ށ) ދަތުރުކުރުމަށް ހަމަޖެހިފައިވާ މީހާމީހުންގެ ނަން
(ނ) މިހާރު އުޅޭ ގޭގެ އެޑްރެސް
(ރ) މަޤާމް ހައިސިއްޔަތު
(ބ) އައި.ޑީ
ކާޑު ނަންބަރު
(ޅ) ގުޅޭނެ ނަންބަރު
(ކ) ޚިދުމަތް ފޯރުކޮށްދޭން ދާ ރަށާއި ހުންނަން ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު
(އ) ދަތުރު ކުރާ ތާރީޚާ އަދި އެނބުރިއަންނަ ތާރީޚް (އެއްވެސް ހާލަތެއް މެދުވެރިވެގެން ތާރީޚަށް ބަދަލެއް ގެންނަން
ޖެހިއްޖެނަމަ އެކަން މެއިލް މެދުވެރިކޮށް އެންގުން)
(ވ) މަސައްކަތުގެ ތަފްޞީލް

މި މަސައްކަތްތައް ކުރުމަށް ރަށްރަށަށް ދިއުމަށް ހުއްދަ ދޭ ގޮތަށް ހެދި ނަމަވެސް އެގޮތަށް ކުރާ ދަތުރުތަކުގައި އަމަލުކުރަން ޖެހޭ މިންގަނޑުތަކެއްވެސް އެޗްޕީއޭގެ އުސޫލުގައި ކަނޑައަޅާފައިވެއެވެ.

އެގޮތުން ދަތުރުކުރާ މީހުން އުޅެން ޖެހޭނީ އެމީހަކު ކުރަން ދިޔަ މަސައްކަތަށް ހާއްސަ ވެފައިވާ ތަނުގައެވެ. އަދި ޒަރޫރީ ހާލަތެއްގައި ނޫނީ ރަށުގެ އެހެން ތަންތަނަށް ދިއުން މަނާވާނެކަމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުޞޫލްގައިވެއެވެ. އަދި ރަށަކަށް ދަތުރުކުރާއިރު ދަތުރުކުރުމުގެ ހުއްދަ ގެންދަން ޖެހޭނެއެވެ. މީގެ އިތުރުން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކަންކަމަށް ފުރިހަމައަށް އަމަލުކުރަންވެސް ޖެހޭނެއެވެ.

އެޗްޕީއޭގެ އުޞޫލްގައި ވާގޮތުން ރަށަކަށް މަސައްކަތެއް ކުރުމަށް ފޮނުވާ މީހުން އެ މަސައްކަތެއް ކޮށް ނިމުމާއެކު ވީއެންމެ އަވަހަކަށް އެ ރަށަކުން ފައިބަންވެސް ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
3411210
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ