ކޮވިޑް-19: އައިޖީއެމްއެޗުގައި ބައިލައްކައަށް ވުރެ ގިނަ ޕީސީއާރް ޓެސްޓް ހަދައިފި

އައިޖީއެމްއެޗްގައި ކޮވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް ފަންސާސް ހާހަށްވުރެ ގިނަ ޕީސީއާރު ޓެސްޓު ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ސަރުކާރުގެ އައިޖީއެމްއެޗް އިން ކުރެއްވި ޓްވީޓެއްގައި ބުނީ، ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަން ފެށުމާއެކު އެ ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓް ކުރަން ފަށާފައިވާ ކަމަށާ މިއަދުގެ ނިޔަލަށް 50،000 ގިނަ ސާމްޕަލް ޓެސްޓްކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 މާޗްމަހުގެ ތެރޭގައި ރާއްޖެއިން ފެނުމަށް ފަހު މިހާތަނަށް ރާއްޖޭގައި ފަސްދޮޅަސް ފަސްހާހަށްވުރެ ގިނަ ޓެސްޓު ހަދާފައިވާއިރު މީގެތެރެއިން 75 އިންސައްތައަށްވުރެ ގިނަ ޓެސްޓު ހަދާފައިވަނީ އައިޖީއެމްއެޗުގެ ލެބޯޓްރީގައެވެ. އެންމެ ފުރަތަމަ އެހޮސްޕިޓަލުގައި ޓެސްޓުކުރަން ފެށިއިރު ޓެސްޓުގެ ނަތީޖާ ލިބުމަށް ގާތްގަނޑަކަށް 10 ގަޑިއިރާއި 12 ގަޑިއިރުގެ ވަގުތެއް ހޭދަވި ނަމަވެސް ދާއިމީ ގޮތެއްގައި ޓެސްޓު ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަހުން މިހާރު ވަނީ ނަތީޖާ ލިބުން އަވަސްވެފައެވެ. އެގޮތުން މިހާރު ގާތްގަނޑަކަށް 6 ގަޑިއިރުގެ ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 2899 މީހަކަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 2,339 ވަނީ ރަނގަޅުވެފައެވެ. އަދި ރާއްޖެއިން 15 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ