މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެއް

ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

މޯލްޑިވްސް ޕޯޓް ލިމިޓެޑް ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، "އިނާމް" ނަމަކަށްކިޔާ 65 ފޫޓުގެ ސަޕްލައި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓް ގާރޑް ސުކޮޑްރޮން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 22:39 ގައި ކަމަށެވެ.

"މި ދޯނީގެ ދިޔަ ހިއްކުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިންވެސް ޕަމްޕް ބޭނުން ކުރަމުންދަނީ. ދޯންޏަށް ދިޔަވަނީ މޫސުން ގޯސްވެގެން ފަޅުތެރެ ގަދަވެގެން" އެމްއެންޑީއެފް އިންވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި މިއަދު އަންނަނީ ކަނޑުމަތީގެ މިފަދަ ގިނަ ހާދިސާތަކެއް ހިނގަމުންނެވެ.

މާދަމާރޭ 08:00 އާއި ހަމައަށް މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ. މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ