ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 ޕަސެންޓް ނިމިއްޖެއެވެ. އެގޮތުން މި މަޝްރޫޢުގެ ތެރެއިން ނެރު ފުންކުރުމުގެ 76 ޕަސެންޓް މަސައްކަތް ނިންމާލައިފައިވާއިރު ހާބަރ ބޭސިން ހެދުމުގެ 80 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ޖެހުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ. މި މަޝްރޫޢުއަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.




