އުދަ އަރާފާނެތީ މޫދާއި ކައިރި ގެތަކުގައި ވެލި ބަސްތާ ޖަހައި މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

އުދަ އަރާފާނެތީ މޫދާއި ކައިރި ގެތަކުގެ މީހުން ވެލި ބަސްތާ ޖަހައި މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެންޑީއެމްއޭ އިން ދެންމެ ވިދާޅުވީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ކަމަށެވެ.

އެގޮތުން ވިލާގަނޑުގައި ގަޑިއަކު 50-45 މޭލަށް ވައިގަދަވާނޭކަމަށާއި، ވަޔާއި ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާތީވެ، އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

ސަމާލުކަން ދޭންވި ބައެއް ކަންކަން އެންޑީއެމްއޭ އިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މޫދާއި ކައިރީގައި ބިނާކޮށްފައިވާ ގޮތަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުމަށް އެދިލައްވާފައި ވެއެވެ. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމަށް އިލްތިމާސް ކުރެއްވިއެވެ.

ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށާއި އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.

ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށް ގެން ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށްވެސް އިލްތިމާސް ކޮށްފައި ވެއެވެ.

ބޭނުން ނުކުރާނަމަ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުމަށްވެސް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެ އަށް މުސުން ގޯސްވެ ކަނޑު މަތީގެ އެތައް ހާދިސާ ތަކާއި އުދަ އެރުމުގެ ހާދިސާތައް ހިނގާ ދުވަސް ވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ