މޫސުން ގޯސްވެ ގަދަ ވަޔާއެކު އުދައަރާފާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު 15:15 އިން ފެށިގެން 19:30 އާއި ދެމެދު ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ބޯކޮށް ވާރެ ވެހޭނެކަމަށާއި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށްވެސް މެތް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަދު 16:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހި މުސުން ގޯސްވެ، ވިލާގަނޑުގައި 55 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އެ ސަރަހައްދަށްވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވެ ފައިވަނީ ކަނޑުތައް ގަދަވެ ބައެއް ރައްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، އުދަ އަރާފާނެތީ މޫދާއި ކައިރި ގެތަކުގެ މީހުން ވެލި ބަސްތާ ޖަހައި މޫސުމަށް ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.




