ކޮވިޑް-19ގެ ކޭސްތައް ހޮންކޮންގައި ރިކޯޑް އަދަދަކަށް އިތުރުވެއްޖެ

ކޮވިޑް-19ގެ ކޭސްތައް ހޮންކޮންގައި މިއަދު ރިކޯޑް އަދަދަކަށް އިތުރުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޮންކޮންގެ ޗީފް އެކްސްކިއުޓިވް ކެރީ ލަމް ވިދާޅުވެފައިވަނީ މިއަދު އެކަނިވެސް ހޮންކޮންގައި 100 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށާއި މިއީ މިބަލި ފެނުނު ފަހުން އެއް ދުވަހެއްގެ ތެރޭ ހޮންކޮންގް އިން މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވުވި ފަހަރު ކަމަށެވެ.

މިއާއެކު ހޮންކޮންގް އިން މިހާރުވަނީ ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން ދިން ލުއިތައް ހަނިކުރުމަށް އިތުރު އުސޫލުތަކެއް ކަނޑައަޅައިފައެވެ. މިގޮތުން އާންމު ދަތުރުފަތުރު ކުރުމުގައި މާސްކް އެޅުމާއި، ކޮންމެހެން އޮފީހަށް ގޮސް ވަޒީފާ އަދާކުރަން ނުޖެހޭ ސިވިލް ސާރވިސްގެ މުވައްޒަފުން ގޭގައި ތިބެގެން ވަޒީފާ އަދާކުރުމާއި އަދި އިންޑޯރ ޕަބްލިކް ތަންތަނުގައި އުޅޭއިރުވެސް މާސްކް އެޅުމަށް މިހާރުވަނީ މަޖުބޫރު ކޮށްފައެވެ.

ހޮންކޮންގެ ސިއްހަތާއިބެހޭ މައި އިދާރާއިން މައުލޫމާތު ދޭގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހޮންކޮންގައިވަނީ 108 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. މީގެތެރޭގައި ހިމެނެނީ ހޮންކޮންގެ ތެރެއިން ބަލި ޖެހުނު 83 މީހުންނާއި އަދި ހޮންކޮންގްއަށް އައި 25 މީހުން ކަމަށެވެ.

ހޮންކޮންގައި ކޮވިޑް-19ގެ ކޭސްތައް އަލުން އިތުރުވާން ފެށުމާއެކު މިދިޔަ ހަފްތާގައިވެސްވަނި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. މިގޮތުން ޖިމްތަކާ، ބާރތަކާ، އަދި ކުލަބުތައް ބަންދުކުރުމަށް މިދިޔަ ހަފްތާގައިވަނީ އަންގައިފައެވެ. އަދި މި އެންގުން މިހާރުވަނީ ކުރިއަށް އޮތް ދުވަސްތަކަށް ދަމަހައްޓައިފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅި އެއްތަނަކީ ހޮންކޮންގް އެވެ. މިހެންކަމުން ކޮވިޑް-19 ހޮންކޮންގައި ފެތުރުނު މިންވަރު މިބަލީގެ ފުރަތަމަ ދުވަސްކޮޅު ވަރަށް ބޮޑުތަނުންވަނީ ކުޑަ ކުރެވިފައެވެ. ނަމަވެސް މި ފިޔަވަޅުތަކަށް ލުއިތައްދޭން ފެށުމާއެކު ކޮވިޑް-19 ފެތުރޭ މިންވަރު އަންނަނީ ހޮންކޮންގައި އިތުރުވަމުންނެވެ.

ފާއިތުވެދިޔަ ދެހަފްތާގެ ތެރޭގައި ހޮންކޮންގް އިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 500 އަށްވުރެ މައްޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ