ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާއި ދެކޮޅަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށައެޅި މައްސަލަތައް އެ ކޯޓަށް ބަލައިގެންފިއެވެ.
އަދީބުގެ މައްސަލަތައް ހައިކޯޓަށް އިސްތިޢުނާފަށް ހުށައަޅާފައި މިވަނީ އަދީބުގެ މައްޗަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން އުފުލި 7 ދައުވާ ބާޠިލްކަމަށް ކްރިމިނަލް ކޯޓުން 14 ޖުލައި 2020 ގައި ޙުކުމް ކުރުމާއި ގުޅިގެންނެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ތަކަކީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަށް ބާޠިލް ކޮށް އަދީބު މިނިވަން ވުމާއި ގުޅިގެން ޕީޖީ ވިދާޅުވެފައި ވަނީ އަދީބުގެ މައްޗަށް 150 ދައުވާ ކުރާނެހާ ލިޔުން އެބަހުރި ކަމަށާއި، އެފަދަ ދައުވާތަކެއް ކުރެވިއްޖެނަމަ 806 އަހަރުގެ ހުކުމް އަންނާނެ ކަމަށެވެ. އަދި ތަޙްޤީޤުތައް ނިމޭއިރު މި އަދަދު އިތުރުވެސް ވެދާނެ ކަމަށާއި، ހަމަ ޤައިމުވެސް އަދަދު މަދު ނުވާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.
ޕީޖީ ޝަމީވް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުން ބަލައި ނުގަންނަ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަދީބުގެ މައްސަލަތައް ބާޠިލްކުރި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާޢީލް ރަޝީދު މިހާރު ވަނީ މަޤާމުން ސަސްޕެންޑް ކޮށްފައެވެ.