ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް 5 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފިއެވެ.
ހައިކޯޓުން އެގޮތަށް ނިންމަވާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރީއަތުގައެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓާފައިވާއިރު، ހައިކޯޓުގެ އިސް ގާޒީ ހުސައިން މަޒީދް ވިދާޅުވީ ކްރިމަނަލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް އެ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއްއޮތްކަމަށް ނުފެންނަކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައި، އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު މިވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައެވެ.
އެހެން ނަމަވެސް މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
މިމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިޢުނާފު ކޮށްފައިވާއިރު މި މައްސަލައިގެ އިސްތިޢުނާފުގެ އަޑުއެހުންތައް ހައިކޯޓުން ނިންމާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުއެވެ.
ރައީސް ޔާމިންގެ މައްޗަށް ޙުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކް ގައި ހުޅުވާފައި ހުރި އެމަނިކުފާނުގެ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.
އަދި އެފައިސާ އޭސީސީ އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެމްއެމްޕީއާރުސީގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.



